ރޫހާނީ ކަންކަމަކީ އެކަމެއް ދިމާވެފައިވާ މީހުން ގަބޫލުކުރާ ނަމަވެސް އެފަދަ ކަމެއް ދިމާނުވާ މީހުނަށް ގަބޫލުކުރަން ބައެއްފަހަރު ދަތި ކަމެކެވެ. ނަމަވެސް ކީރިތި ގުރުއާނުން ޖިންނި ޝައިޠާނުންނަކީ ވެސް ދުނިޔޭގައި ލައްވާފައި ބައެއްކަން އިނގެން އެބައޮތެވެ.

މި ހާދިސާއަކީ ބ. އަތޮޅު ދޮންފަނު މީހަކަށް ދިމާވި ހާދިސާއެކެވެ. މި ލިއުމަކީ އޭނާ ކިޔައި ދިން ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެކެވެ. އެހެން ނަމަވެސް އޭނާގެ އެދުމުގެ މަތިން އޭނާގެ އަސްލު ނަން ލިއުމުގައި ބޭނުންކޮށްފައެއް ނުވާނެއެވެ.

އެއީ ނުވަދިހައިގެ އަހަރުތަކެވެ. އާޝިޔާ އަށް އޭރު އުމުރުން 11 އަހަރެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސި 7 ޖަހާއިރު ޤުރުއާން ކިޔަވަން އޭނާ ދަނީ ބޮޑުދައިތަމެން ގެޔަށެވެ.

މިއަދަކީ އާޝިޔާގެ އުފަން ދުވަހެވެ. އުފަން ދުވަހާއި ދިމާކޮށް ބޭރު ދަތުރުކުރަން އޭރު އުޅުނު އޭނާގެ ބައްޕަ ހުސެއިން ރަށަށް އައިސްފިއެވެ. އާޝިޔާގެ އުފަން ދުވަސް ކަމުން ހުސެއިން، އާޝިޔާއަށް ހަދިޔާއެއްގެ ގޮތުން އޭނާ އަބަދުވެސް ބޭނުންވެގެން އުޅޭކަހަލަ ބައިސްކަލެއް ގެނެސްދިނެވެ. އާޝިޔާ ހުރީ އެކަމާއި ވަރަށް ހިތްހަމަޖެހި އުފާވެފައެވެ.

ޖެހިގެން އައި ދުވަހެވެ. އެހެން ދުވަސް ދުވަހު މަންމަ އަފީފާ އާއި އެކީ ބޮޑުދައިތަމެން ގެޔަށް ދިޔަޔަސް މިއަދު އާޝިޔާ ބޭނުންވީ ބައިސްކަލުގައި އެގެޔަށް ދާށެވެ. އަފީފާ އެކަމާއި ހިތްހަމަ ނުޖެހުނު ނަމަވެސް، އާޝިޔާ ބައިސްކަލް ދުއްވާލާހިތުން ހުރީތީ ހުސެއިން ބޭނުންވީ އާޝިޔާ އަށް އެފުރުސަތު ދިނުމަށެވެ. އެގޮތުން އަފީފާއާއި ވާހަކަދައްކައި އޭނާ ހަމަޔަކަށް އެޅުވުވުމަށްފަހު ބަލައިގެން ބައިސްކަލްގައި ދިއުމަށާއި މާ ބާރަށް ނުދުއްވުމަށާއި އެގެއިން އިތުރު ތަނަކަށް ނުގޮސް ގެޔަށް އައުމަށް އާޝިޔާއަށް ޝަރުތުކޮށް ހުސެއިން އޭނާއަށް ބައިސްކަލްގައި ދިއުމަށް ހުއްދަ ދިނެވެ.

އާން އެކޭ ބުނުމަށްފަހު ވަރަށް އުފަލުން ހުރެ އާޝިޔާ ބައިސްކަލް ނެރެ ބޮޑުދައިތަމެން ގެޔަށްދާން ނިކުމެ ދުއްވާލިއެވެ. މަގުމަތީގައި އޭރު މާ ގިނަ ލައިޓް ތަކެއް ނުހުރެއެވެ. އެހެންނަމަވެސް ހަނދުގެ ދޯދިން ބިންމައްޗަށް އެޅިފައި އޮންނަ އަލިން މަގުމަތި ވަރަށް ރީއްޗަށް ފެންނަން އޮވެއެވެ.

މަގުގެ މެދަކާ ހަމަޔަށް ދެވުނުތަނާ އާޝިޔާ އަބަދުވެސް ކުރަން ބޭނުންވި ކަމެއް މަތިން ހަނދާން ވެއްޖެއެވެ. އެ މަގުގައި ހުންނަ ފަޅު ގޭގައި ހުންނަ ކުންނާރު ގަހުގެމަތިން އޭނާ ހަނދާންވިއެވެ. ބިންމަތީގައި ފެންނަ ހިސާބުގައި ދޮންވެ ރީނދޫކުލަ އަރާފައި ހުންނަ ކުންނާރު އެގަހުން ވެއްޓިފައި ހުރެއެވެ. ކުރިން މަންމައާއި އެކީގައި ދާއިރު ކިތަންމެ ބޭނުންވިނަމަވެސް މަންމަ އާޝިޔާ އެގެޔަށްވަދެ ކުންނާރު ހޮވުނަ ނުދެއެވެ.

ކޮންމެއަކަސް މިއަދު މަންމަ ނެތުމުން އާޝިޔާ ބޭނުންވީ ފުރުސަތުގެ ބޭނުން ހިފައި ކުންނާރު ހޮވައިގެން ބޮޑުދައިތަގެ ގެއަށް ދާށެވެ. އާޝިޔާ ބައިސްކަލް ދުއްވަމުންގޮސް އެގެޔާއި އަރާ ހަމަވެއްޖެއެވެ. ބައިސްކަލުގެ ހަރު ޖައްސާލުމަށްފަހު އެގޭގެތެރެޔަށް ވަދެގެން އާޝިޔާ ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ކުރިމަތިވެދާނެ ކަމަކާދޭތެރޭ ބިރުގަތުމަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުރީ ކުންނާރު ހޮވައިގެން ދިއުމަށެވެ. އެގޭގެ ތެރެޔަށްވަދެ ބިންމަތީގައި ހުރި ކުންނާރުތައް ހޮވަންވެގެން އާޝިޔާ ތިރިވެލިއެވެ. ކުއްލިއަކަށް މީހަކު ހުރިހެން ހީވެގެން ބަލައިލި އިރު ކުރިމަތީގައި ކުޑަ ފިރިހެން ކުއްޖެއް އާޝިޔާވެސް ހުރިގޮތަށް ދެކަކޫ މައްޗަށް ތިރިވެލައިގެން ހުއްޓެވެ. ބަލާލާ ބެލުމަށް އޭނާގެ އުމުރުން ވާނީ 5 ވަރަކަށް އަހަރެވެ.

އޭނާ ފެނުމުން އާޝިޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އެހެން ނަމަވެސް ބިރުވެރި އެއްވެސް ކަމެއް އޭރު ދިމާ ނުވުމުގެ އިތުރުން ބިރުވެރި ސިފައެއްގައި އޭނާ ނެތުމުން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިތަށް ލިބުނެވެ. އާޝިޔާ ދަންނަގޮތުގައި ޖިންނީން ހުންނާނީ ބިރުވެރި ސިފައިގައި ބޮލުގައި ދެ ދަޅުވެސް ފަޅާފައެވެ.

އާޝިޔާ އެ ފިރިހެން ކުއްޖާ ކައިރިން މިގަޑީގައި މިތަނުގައި ކީއްކުރަނީތޯ އަހާލިއެވެ. އެހެން ބުނުމުން އެކުއްޖާ ދެކޮޅަށް ބޯ ހޫރާލިއެވެ. ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އެހެން ނަމަވެސް އަނގައިންނެއް އޭނާ ނުއެއް ބުނެއެވެ. އާޝިޔާ ހީކުރީ އެއީ އޭނާ ލަދުން ވާހަކަ ނުދައްކަން ހެދި ގޮތެއް ކަމަށެވެ.

އެހެން ކަމުން ބޮޑުދައިތަމެންގެޔަށް ގޮސްފައި ބޮޑުދައިތަކައިރީގައި ގެޔަށް ލައި ދިނުމަށް ބުނެދޭނެ ކަމަށް ބުނެ، ބައިސްކަލުގައި ދެމީހުން އެކީ އެގެޔަށް ދިއުމަށް އޭނާގަތުގައި އާޝިޔާ އެދުނެވެ. އެ ކުއްޖާ ބޯ ޖަހާލުމުން އާޝިޔާ އޭރު އަތުގައި ހުރި ކުންނާރުތައް ޖީބަށް ލައިގެން ތެދުވެ އެ ކުއްޖާ ބައިސްކަލްގެ ފަހަތު ޖާލިގަނޑުމަތީގައި އޭނާ އިށީނުމުން ބޮޑުދައިތަމެންގެޔަށް ދިއުމަށް ދުއްވާލިއެވެ.

އެ ފިރިހެން ކުއްޖާ އަނގައިން ނުބުނި ނަމަވެސް ބޮޑުދައިތަމެންގެޔަށް ދިޔަ މަގުމަތީގައި އާޝިޔާ ހުއްޓާނުލާ އޭނާއާއި ވާހަކަދެއްކިއެވެ. އަމިއްލައަށް ތައާރަފްވެ މިއަދަކީ އޭނާގެ އުފަން ދުވަސް ކަމަށްވެސް ބުންޏެވެ. މިގޮތަށް ދަމުންގޮސް އެންމެ ފަހުން އެގެޔާއި ހަމަޔަށްވެސް އާދެވިއްޖެއެވެ. ދެން މިހިރީ ބޮޑުދައިތަމެންގެ އޭ ބުނެ ފަހަތް ބަލާލިއިރު ފަހަތު ޖާލީގަނޑުމަތީގައި އިނީ ކަޅު ހިޔަންޏެއްގެ ސިފައިގައި ހުރި އެއްޗެކެވެ.

އާޝިޔާ ބިރުގަތީ ދެނެވެ. ބިރުންގޮސް ދާހިއްލާން ފަށައި ދުއްވަންހުރި ބައިސްލަކުން ވެއްޓުނުކަން އޭނާ ހަނދާންވެއެވެ. އެޔަށްފަހު ދެންވީގޮތެއް ހުދު އޭނާއަކަށްވެސް ނޭގެއެވެ.

އާޝިޔާއަށް ހޭލެވުނުއިރު އޭނާ އޮތީ ބޮޑުދައިތަމެންގޭގެ އުނދޯލީގައެވެ. އޭރު މަންމައާއި ބައްޕަވެސް އެގެޔަށް އައިސްފައި ތިއްބެވެ. އަދި ބޮޑުދައިތަވެސް ކައިރީގައި ހުރެގެން ކިޔެވެލިތަކެއް ކިޔަވަމުން މޫނަށް ފެންޖަހަމުންދިޔައެވެ. އާޝިޔާ މަންމައާއި ބައްޕަ އަދި ބޮޑުދައިތައަށްވެސް ވީގޮތް ކިޔައިދިނެވެ.

މި ވާހަކަތައް ކިޔައިދިނުމުން އެންމެންވެސް ތިބީ ހައިރާންވެ ބިރުގަނެފައެވެ. އާޝިޔާ ދެން ދުވަހަކުވެސް މަންމަ މަނާކޮށްފައިވާ ކަމެއް ނުކުރާނަމޭ ބުނެފައި ބޮޑުދައިތައަށް ދޭން ގެނައި ކުންނާރުކޮޅެއް ހުންނާކަމަށް ބުނެ ޖީބަށް އަތްކޮއްޕާލުމަށްފަހު ނެގިއިރު ހުރީ ކުންނާރެއް ނޫނެވެ.

"ކީއްކުރަން ޖީބަށް ކަށިކުބުރު ލައިގެން ތިޔައުޅެނީ" - ބޮޑުދައިތަ އެހިއެވެ.

އެ ހާދިސާ ހިނގިތާ އެތައް އަހަރެއް ވީއިރު، މިއަދުވެސް އެގެ ހުންނަނީ ފަޅުކޮށެވެ. އަދި މިހާރުވެސް ދޭތެރެ ދޭތެރެއިން އެ ހިސާބުން ކުޑަ ކުއްޖަކު ފެންނަ ކަމަށް ބައެއް މީހުން ބުނެއުޅެއެވެ.