ކޮންމެ މީހެއްގެ ސިކުނޑިއަކީވެސް ތަނަވަސްކުރެވިދާނޭ އެއްޗެކެވެ. އެގޮތުން ވިސްނުން ތޫނު ކުރުމަކީ މީހާގެ ކުރިމަގާއި ހަޔާތަށްވެސް އެކަމުގެ ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް އެދެވޭ ގޮތަކަށް ފެނިގެންދާނޭ ކަމެކެވެ. ތިބާއަށް ނޭނގުނަސް ތިބާގެ ސިކުނޑި ތަނަވަސްކޮށް ވިސްނުން ތޫނު ކުރުމަށް ކުރެވިދާނެ ފަސޭހަ އަދި އާދައިގެ އެތައް އެތައް ކަމެއް އެބަ އޮތެވެ.

އެންމެ ފުރަތަމަ ކަމަކީ ތިބާ އޮންލައިންގައި ނުވަތަ އިންޓަނެޓުގައި އިންނަ ވަގުތުގެ ފައިދާ ނެގުމެވެ. އޮންލައިންގައި ނުވަތަ އިންޓަނެޓުގައި ހޭދަކުރާ ވަގުތަކީ ހަމައެކަނި ރައްޓެހިންނާއި ވާހަކަދައްކައި ސަމާސާކުރާ ވަގުތަކަށް ނުވަތަ ހިތްހަމަޖައްސައިދޭ މަޖާ ވީޑިއޯ ބެލުމުގައި ހޭދަކުރަންވީ ވަގުތެއް ނޫނެވެ.

އިންޓަނެޓަކީ އޭގެން އެތައް ހުނަރުތަކެއް ދަސްކުރެވިގެންދާނޭ ތަނެކެވެ. އޮންލައިން ކޯސްތަކާއި، އެކި އެކި މައުލޫމާތު ދޭ ވިޑިއޯތަކުގެ އިތުރުން އެކި ހުނަރު ދަސްކޮށްދޭ ވިޑިއޯ ބެލުމަކީ އޮންލައިންގައި ތިބާ ހޭދަކުރާ ވަގުތުގައި ސިކުނޑި ތަނަވަސްކޮށް ދުނިޔެއަށް ލޯހުޅުވައި ކަންކަމާއި މެދު އިތުރަށް ވިސްނުމަށް ކުރެވިދާނޭ ބައެއް ކަންކަމެވެ.

ގިނަ ގިނައިން ފޮތް ކިޔައި އުނގެނުމުގެ އިތުރުން އެ ދަސްވާ އެއްޗެއް އެހެން މީހަކަށް އެނގޭނޭފަދަ ގޮތަކަށް ކިޔައިދިނުމަކީވެސް މީހާގެ ވިސްނުން ތޫނުކޮށްދީ ކަންކަމާއި މެދު ފަސޭހައިން ވިސްނައި ކަންކަމުގެ ޖަވާބު ހޯދުމަށް ކުރެވިދާނޭ ކަމެކެވެ. އަބަދުވެސް ކޮންމެވެސް އާ ހުނަރެއް ނުވަތަ މައުލޫމާތެއް އުނގެނުމުގައި ވަގުތު ހޭދަކުރާ މީހުންނަކީ އެބައެއްގެ ވިސްނުން ވަރަށް އަވަހަށް ތަނަވަސްވެގެންދާނޭ ބައެކެވެ.

ސިކުނޑިއަކީ އެއްވެސް ކަހަލ ހުރަހެއް ނެތި ބޭނުންވަރަކަށް މައުލޫމާތު އެޅުމަށް ދެއްވާފައިވާ އަޖައިބެއްކަހަލަ ގުނަވަނެކެވެ. ސިކުނޑިއަކީ ދުވަހަކުވެސް މައުލޫމާތުގެ ސަބަބުން ފުރިގެން ބަންޑުންވާނޭ އެއްޗެއް ނޫނެވެ. އެކަމުގެ ފައިދާ ނަގައި އަމިއްލަ ހަޔާތް ބާއްޖަވެރިކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މ

    އަލްހަމްދުލިއްލާހި މާޝާﷲ މުހިއްމު މައުލޫމާތެއް. ހިއްސާކޮއްލެއްވީތީ މާތްﷲ ހެޔޮރަހުމަތްލައްވަވާށި.އާމީން