ބޮލީވްޑާއި ހޮލީވްޑްގައި ވެސް މަޝްހޫރު އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ، ޕާކިސްތާނާއި އިންޑިއާ އިން ހަނގުރާމަ ކުރަން ހިތްވަރުދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އޭނާ އަށް އަނެއްކާވެސް ފާޑުކިޔަން ފަށައިފިއެވެ.

އެމެރިކާގެ ލޮސްއެންޖެލިސްގައި އޮތް އިވެންޓެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރިޔަންކާ ބުނީ އޭނާ އަކީ އެއްވެސް ބަޔަކު ހަނގުރާމައެއް ކުރަން ބޭނުންވާ މީހެއް ނޫންކަމަށާއި ނަމަވެސް އޭނާ އަކީ ވަރަށް ގައުމީވަންތަ މީހެއް ކަމަށެވެ.

"ހަނގުރާމައަކީ އަހަރެން ގަޔާވާ ކަމެއް ނޫން. ނަމަވެސް އަހަރެންނަކީ ވަރަށް ގައުމީވަންތަ މީހެއް." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނެފައިވާ ގައުމީވަންތަ ކަމުގެ މާނައަކީ ގައުމު ދިފާޢު ކުރަން ހަނގުރާމަ ކުރުމަށް ދިން ހިތްވަރެއް ކަމަށް އޭނާ އަށް ފާޑުކިޔާ މީހުން ބުނެއެވެ. މިމައްސަލަ ހޫނުވެފައި ވަނީ ޕްރިޔަންކާ އަކީ އދ.ގެ ގްޑްވިލް އެމްބެސެޑަރަކަށް ވާތީ އެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ޕްރިޔަންކާގެ މިފަދަ މައްސަލައެއް ހޫނުވިއެވެ. އެފަހަރު މައްސަލަ ޖެހުނީ އިންޑިއާ އިން ޕާކިސްތާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވަނިކޮށް އިންޑިއާ އަށް ދިގު އުމުރެއް ލިޔުމަށް ފަހު ހޭޝްޓެގެއްގެ ގޮތުގައި އިންޑިއާގެ ސިފައިންގެ ލަޝްކަރު ބޭނުންކޮށް ޕްރިޔަންކާ ޓްވީޓެއް ކުރުމުންނެވެ.

އެފަހަރު ވެސް އދ.ގެ އެމްބެސެޑަރު ކަމުން ޕްރިޔަންކާ ވަކިކުރަން ގިނަ ބަޔަކު އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރިއެވެ.

މިފަހަރު ޕްރިޔަންކާ އަނެއްކާވެސް ހަނގުރާމައަށް ހިތްވަރުދިން އިރު ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޭމްސް

    ގައުމޫވަންތަޔޭ ބުނުމަކީ މައްސަލައެއްތަ؟ ތިގޮތަށް މާނަކުރަންޏާ ނުވާނެ ސަލާމަތެއް ދުލުން ވާހަކަ ދައްކާ އެއްވެސް އިންސާނަކު

    16
    17