ފުރަތަމަ ނަޒަރުން ވެވޭ ލޯބތްބަކީ "ސަމާސާ" ލޯތްބެއް ނޫނެވެ. މިގޮތުން ވެވޭ ލޯތްބެއް ހާސިލްވުމަކީ ވެސް މަދު ފަހަރެއްގައި ނޫނީ ނުވާ ކަމެކެވެ. މިފަދަ ލޯބީގެ ގުޅުމެއް ކައިވެންޏާއި ހިސާބަށް ދަތުރުކުރާނީ ގައިމުވެސް އެކަމަށް ދެން އިތުރަށް އެޅޭނެ ހުރަހެއް ނެތުމުންނެވެ. އުފާވެރި ހަޔާތެއް ލޯބިން އެކުގައި ހޭދަކުރުމުގެ މި ހުވަފެނުން ދެމީހަކު ހޭލައްވާލުމަށް އިތުރު ހުރަހެއް ނެތުމުންނެވެ. މިއީ އިންޑިއާގައި ދާދިފަހުން ހިނގައިދިޔަ އެފަދަ ހާދިސާއެއްގެ ވާހަކައެވެ.

އިންޑިއާގެ މަޝްހޫރު ގޭންގް ލީޑަރު، ރާހުލް ތަސްރާނާ އާއި އެޤައުމުގެ ފުލުހުންގެ ކޮންސްޓަބަލް، ޕަޔާލް އާއި ދިމާވީ ޝަރީޢަތުގެ ބޮޑު މަޖިލީހެއްގެ ތެރެއިންނެވެ. 2014 ވަނަ އަހަރު މަޝްހޫރު ވިޔަފާރިވެރިއެއްގެ މަރުގެ މައްސަލައިގައި ދަޢުވާ ކުރެވުނު އުމުރުން 30 އަހަރުގެ ރާހުލް ދެކެ ޕަޔާލް އަށް ލޯބިވާން ނެގީ ފަޅި ސިކުންތެކެވެ. ފުރާނަ ހުރިހައި ހިނދަކު ރާހޫލް އާއެކު ޕަޔާލް އުޅެން ބޭނުންވި ހިސާބަކީ ވެސް އެއީއެވެ.

މީހަކު މަރާލިކަމަށް ކުރެވުނު ދަޢުވާގެ އިތުރަށްވެސް ރާހުލްއަކީ ގޭންގް މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހައްޔަރު ކުރެވި، އޭގެތެރެއިން ބައެއް މައްސަލަތައް ސާބިތުވެގެން ޖަލު ޙުކުމް ތަންފީޒުކޮށްފައިވާ ޖަލުތަކާއި "ރައްޓެހި" މީހެކެވެ.

ރާހޫލް އާއި ޕަޔާލް އެންމެ ފުރަތަމަ ދިމާވީ އިންޑިއާގެ ސޫރަޖްޕޫރު ޑިސްޓްރިކްޓުގައި ހުންނަ ޝައްޓިޝްގަރުގެ ކޯޓު ތެރެއިންނެވެ. އެހައި ހިސާބުން އެދެމީހުންގެ މެދުގައި އުފެދެން ފެށި ޚާއްސަ ގުޅުން ދިޔައީ އިތުރުވެ ވަމުންނެވެ. ޕަޔާލް އާއި ރާހޫލް ދިމާވި ފަހުންވެސް ރާހޫލްގެ މައްޗަށް އިއްވާފައިވާ ބައެއް ދަޢުވާތައް ސާބިތުވެގެން ދޭތެރެ ދޭތެރެއިން އޭނާ ޖަލަށްލާފައި ވެއެވެ. ނަމަވެސް އޭރުވެސް ދެމީހުންގެ ގުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުގެ ސަމާލުކަމަށްވެސް މި ދެމީހުންގެ ކައިވެނީގެ ޚަބަރު މިހާރު އައިސްފައިވާއިރު، ޕަޔާލް ވަނީ ރާހުލް އާއި އޭނާ ކައިވެނި ކުރިކަން އެންމެނަށް ހާމަކޮށްފައެވެ. އެގޮތުން ރާހުލް ނިސްބަތްވާ އުއްތަރ ޕްރަދޭޝްގެ ޑަންކައުރު އަވަށުގައި ކުރެވުނު އެ ކައިވެނީގެ ފޮޓޯތައް އެދެމީހުން ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕަޔާލް ވަޒީފާ އަދާކުރަމުންދާ ފުލުސް އިދާރާގެ އިސް އޮފިޝަލަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެކި ކަހަލަ ކުށްތަކުގައި ކުށް ސާބިތުވެފައިވާ ގޭންގް ލީޑަރަކާއި ޕަޔާލް ތަހުޤީޤު މަރުހަލާތައް ކުރިޔަށްދިޔަ އިރުން ފަށައިގެން ގުޅުން ބާއްވަމުންދިޔަ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެދެމީހުން ކައިވެނި ކުރިކަން އަދި ކަށަވަރު ކުރެވިފައި ނުވާއިރު، މައްސަލައެއްގެ ގޮތުގައި މިކަން ބަލައި ތަހުޤީޤުކުރާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އޮފިޝަލުން ބުނާގޮތުގައި ބޮޑެތި ކުށްތަކުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ރާހުލް އަކީ އިންޑިއާގެ ބޮޑު ގޭންގް ސްޓާރެއް ކަމަށްވާ، އަނިލްޖުދާނާގެ ނަމުން ނަންދެވުނު ގޭންގެއްގެ އިސް މީހެއް ކަމަށެވެ. ރާހުލް އެންމެ ފުރަތަމަ ކުށުގެ ވެށިން ފެންނަން ފެށީ 2008 ވަނަ އަހަރު ކަމަށާއި، އޭނާ އޭގެ ފަހުން އެކި ކަހަލަ ކުށްތަކަށް އަރައިގެންފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. އަނިލްޖުދާނާގެ ގޭންގުން ހިންގި ގިނަ އަދި ބޮޑެތި ކުށްތަކުގައި ރާހޫލް ބައިވެރިވެފައިވާ ކަމަށްވެސް ވެއެވެ.