އިންގްލޭންޑުގެ އަވަށެއް ކަމަށްވާ ޝެލްޓެންހަމްގެ ގެއެއްގައި އަވައްޓެރިންނަށް އުނދަގޫ ވާވަރަށް އަޑު ބާރުކޮށް މީހަކު ލަވަޖަހައި އުނދަގޫކުރާ މައްސަލައެއް ހޫނުވެ އޭނާއަށް ހިތުން ނުފިލާވަރުގެ ފިވާލަޅެއް ލިބިއްޖެއެވެ.

މި މައްސަލައިގައި އުމުރުން 40 އަހަރުގެ އަންހެން ލަވަކިޔުންތެރިއަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާއިރު، އޭނާ ޖޫރިމަނާކޮށްފައިވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވުމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި ޓެމީ މިޝޭލް ނަމަކަށްކިޔާ އެ ލަވަކިޔުންތެރިޔާ ޖޫރިމަނާކޮށްފައިވަނީ 5000 އެމެރިކާ ޑޮލަރުންނެވެ.

މިކަމާއި ގުޅިގެން މިޝޭލްގެ އަވައްޓެރިން ނޫސްތަކުގައި ބުނެފައިވަނީ، މެންދަމުގެ ވަގުތުތަކުގައި އޭނާ ގޭގައި ބާރުބާރަށް ލަވަޖަހައި މައިކުން ލަވަކިޔާ ހަދާކަމަށާއި، އެކަމުގެ ސަބަބުން ރޭގަނޑު ނިދަން ދަތިވެ ގިނަ ބަޔަކަށް އެތައް ދުވަހެއް ވަންދެން އެކަމުގެ އުނދަގޫ ފޯރަމުން ދިޔަކަމަށެވެ. މީގެ ކުރިންވެސް އެފަރާތްތަކުން މި މައްސަލަ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައިވާއިރު، އޭނާއަށް ވަނީ ނޯޓިސްވެސް ފޮނުވާފައެވެ.

މި ނޯޓިސްތަކާއި ވެސް އެއްގޮތަށް އަމަލުނުކޮށް އޭނާ ރޭގަނޑުގެ ވަގުތުތަކުގައި ބާރަށް ލަވަޖަހަމުންދިޔަ މައްސަލައިގައި ފަހުން ފުލުހުން މިޝޭލް ދިރިއުޅޭ ގެއަށް ވަދެ އެގޭގައި ހުރި ބޮޑެތި ސްޕީކަރުތަކާއި ލަވަޖެހުމަށް ބޭނުންކުރާ އެނޫންވެސް ގިނަ އާލާތްތައް ގެންދިޔަ ކަމަށް ވެއެވެ.

އޭގެ ފަހުންވެސް މިޝޭލްގެ އުނދަގޫ އަވައްޓެރިންނަށް ކުރިމަތިވަމުން ދިއުމާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހެޅުމުން، ބޮޑު އަދަދަކުން އޭނާ ޖޫރިމަނާކުރުމަށް ޙުކުމް ކޮށްފައި ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެއެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ޖޫރިމަނާއަކީ މިޝޭލްގެ ސަބަބުން އެހެން މީހުންނަށް ކުރިމަތިވި އުނދަގޫތަކުގެ ބަދަލުގައި ކުރެވޭ ޖޫރިމަނާއެއް ކަމަށެވެ.

މީގެ އިތުރުން، މިޝޭލްގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސްޕީކަރުތަކާއި ލަވަޖެހުމަށް ބޭނުންކުރާ އާލާތްތައް އަނބުރާ އޭނާއަށް ނުދިނުމަށްވެސް ކޯޓުން ވަނީ ނިންމާފައެވެ. އަދި މީގެ ފަހުން އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ، ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޭނާއަށް މިހާރު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    މިދުވަސްވަރަކީ ރައްރަށުގަ ހިތާނުކުރާ ދުވަސްވަރު، ސުވާލަކީ ހިތާނު ކޮއްގެން އުޅޭ ތަންތަނުގާ ރޭގަޑު އަޑުގަދަކޮއް ލަވަޖަހާ، ބެރު ޖަހާ ހެދޭނީ ރޭގަޑު ކިހާ އިރެއް ވަންދެންތޯއެވެ، ރޭވެސް މަށައްޖެހުނީ ނުނިދާ ހުރެ ފަތިހު 0330 އައް ޑިއުޓީ އައްދާން، ޑިއުޓީ ނިމިގެން ގެއައް އައިރުވެސް ހަމަ ލަވަ ޖަހަނީ، އާންމު އުދަގުލެއް، ހައްލެއްނެއްބާ، އިގޭ ކުއްޖަކު ހުރިނަމަ ރިޕްލައި ކޮއްލަބަލަ،

    17
  2. ވިގަނި

    ހައްލު ނެތީ

  3. ށަވިޔަނި

    މިރާއްޖޭގެ ކަންކަން ވަނީ ބޮއްސުންލާފަ ޤާނޫނު އަސާސީ ފައިދަށުލީ މީހުން އެތިބީ މިނިސްތޓަރުންނަށް

    7
    1
  4. މަރިޔަމް މޫސާ

    ގާނޫނުއަސާސީއަށް ފައިންއެރި މީހުން ވަޒީރުންނަށް، މަކަރާ ހީލަތް ހަދައިގެން ގުރައިދޫއަށް އަރުވާލި މީހަކު ރައީސަކަށް ހުރި ގައުމެއްގައި އިންސާފު ގާއިމުކުރާނެ ކަމަށް ވިސްނާނީ ވެސް މޮޔައިން

    2
    1