ދުނިޔޭގެ އެންމެ އުސް އެއް ސަރަޙައްދު ކަމަށްވާ ނޭޕާލްގެ މަނަންގް އަވަށުގެ ފަރުބަދައެއްގެ މަތިން އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ސާފު ފެންގަނޑެއް ފެނިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، "ކަޖިން ސެރާ"ގެ ނަމުން ނަންދީފައިވާ މި ފެންގަނޑަކީ މިހާތަނަށް ދުނިޔޭގެ އެންމެ އުސް ސަރަޙައްދެއްގައި އޮތް މިފަދަ ފެންގަނޑު ކަމަށްވާއިރު، މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ. މީގެ ކުރިން މި ރެކޯޑުގައި އޮތީ، ނޭޕާލްގެ ޓިލިޗޯ ނަމަކަށްކިޔުނު ފެންގަޑެކެވެ.

އަލަށް ހޯދި މި ފެންގަނޑު އޮންނަނީ ބިމުން ފަށައިގެން ގާތްގަނޑަކަށް 17000 ފޫޓު އުސް ސަރަޙައްދެއްގެ މަތީގައެވެ. މީގެ ކުރިން ދުނިޔޭގެ އެންމެ އުސް ސަރަޙައްދެއްގައި އޮންނަ މިފަދަ ފެންގަނޑު އޮންނަނީބިމުން ފަށައިގެން 16000 ފޫޓު އުސް ސަރަޙައްދެއްގައެވެ.

ދާދިފަހުން ފެނުނު މި ފެންގަނޑު ހޯދާފައި ވަނީ، ނޭޕާލަށް ގޮސް އުޅުނު އެކްސްޕްލޯރަރުންގެ ޓީމަކަށް މީގެ ތިންވަރަކަށް މަސް ކުރިންނެވެ. މި ފެންގަނޑުގެ ދިގުމިނުގައި ގާތްގަނޑަކަށް 5000 ފޫޓު ހުންނައިރު ފުޅާމިނުގައި ދެހާސް ފޫޓު ހުރެއެވެ.

މި ފެންގަނޑު ފެނުމާއި ގުޅިގެން މިހާރު ތަހުލީލު ޓީމުތަކުން އެ ސަރަޙައްދުގައި ޚާއްސަ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންދާއިރު، މި ފެންގަނޑުގެ ފުންމިން ގާތްގަނޑަކަށް 650 ފޫޓަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ކުރީ ޒަމާނެއްގައި އުފެދުނު ކަމަށް ބެލެވޭ މި ފެންގަނޑު އޮންނަނީ އާންމުކޮށް މީހުން ގޮސް ނޫޅޭ، އަރަން އުނދަގޫ ސަރަޙައްދެއްގައެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ފަރުބަދަމަތީ ގިނަ ހިސާބުތައް، އަދި ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްވެސް ހުންނަ ނޭޕާލުން އަލަށް ފެނުނު މި ރީތި ފެންގަނޑުގެ ޚަބަރާއެކު، މިހާރު ގިނަ ބަޔަކު ދަނީ އެތަން ބަލާލަން ދިއުމުގެ ޝަޢުގުވެރިކަން ފާޅުކުރަމުންނެވެ.