ކަނޑައެޅޭ ވަކި ވަރަކަށް ގަސް އިންދައިގެން ނޫނީ ހައި ސްކޫލްތަކާއި ކޮލެޖުތަކުން ދަރިވަރުން ގްރެޖުއޭޓް ނުވާގޮތަށް ފިލިޕީންސްގައި ޤަވާއިދެއް އެކުލަވާލައިފިއެވެ.

ކިޔަވާކުދިން ތިމާވެއްޓައް އަހުލުވެރި ކުރުމުގެ ބޭނުމުގައި މިހާރު އަމަލުކުރަން ފަށާފައިވާ މި ގަވާއިދުގެ ދަށުން ހައި ސްކޫލް ނުވަތަ ކޮލެޖެއް ނިންމާލުމުގެ ކުރީން ކޮންމެ ކުއްޖަކުވެސް މަދުވެގެން ކަނޑައެޅޭ ވަކި އަދަދަކަށް ގަސް އިންދައި އެކަން ދައްކައިދޭން ޖެހެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، "ގްރެޖުއޭޝަން ލެގަސީ ފޯ އެންވާރަމަންޓް އެކްޓް"ގެ ނަމުން ނަންދީފައިވާ މި އާ ޤަވާއިދުގެ ދަށުން ކޮންމެ ކުއްޖަކު ސްކޫލާއި ކޮލެޖު ނިމުމުގެ ކުރިން އިންދަން ޖެހެނީ ދިހަ ގަހެވެ. މިގޮތަށް އަމަލު ނުކުރާ ކުދިން އިމްތިހާނުތަކުން މަތީ މާކްސް ހޯދި ނަމަވެސް ގްރެޖުއޭޓް ވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ޤަވާއިދު ބުނެއެވެ.

ފިލިޕީންސްގައި މިފަދަ ގަވާއިދެއް އެކުލަވާލާފައި މިވަނީ، އެޤައުމުގެ ޖަންގަލިތަކުން ގިނަ އަދަދެއްގެ ގަސް ކަނޑައި އެކަމުގެ އަސަރު ޤައުމުގެ އެކި ހިސާބުތަކަށް ފޯރާ ދަނޑިވަޅެއްގައެވެ.

ފިލިޕީންސްގައި ކޮންމެ އަހަރަކު އެލެމެންޓްރީ ސްކޫލްތަކުން 12 މިލިއަން ދަރިވަރުން ގްރެޖުއޭޓް ވެއެވެ. އަދި ހައި ސްކޫލްތަކުން ފަސް މިލިއަން ދަރިވަރުން ކޮންމެ އަހަރަކު ގްރެޖުއޭޓް ވާއިރު ކޮލެޖްތަކުން އަހަރަކު ބައިމިލިއަން ދަރިވަރުން ގްރެޖުއޭޓް ވެއެވެ.

"ގްރެޖުއޭޝަން ލެގަސީ ފޯ އެންވާރަމަންޓް އެކްޓް"ގެ ދަށުން ފިލިޕީންސްގެ އެކި ހިސާބުތަކުގައި އަހަރަކު 175 މިލިއަން ގަސް އިންދުމުގެ އަމާޒެއް އޮތް ކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެން ގަސް ގިނަވޭ

    ވަރަށް ސަޅި ކަމެއް. މިރާއްޖޭގައި ވެސް ގަންޖާ އާއި ކިނބޫގެ ސަރުކާރުން ވިއަސް ތިކަން ފަށާނެ ކަމަށް ހީކުރަން.

    5
    1