މަޝްހޫރު އައިވޮރީ ކޯސްޓުގެ ލަވަ ކިއުންތެރިޔާ ޑީޖޭ އަރަފާތު ސައިކަލު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުން އުމުރުން 33 އަހަރުގެ އަރަފާތު މަރުވީ އޭނާ ދުއްވަމުންދިޔަ ސައިކަލް ކާރެއްގައި ޖެހި އެކްސިޑެންޓް ވެގެންނެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަރަފާތު ދުއްވި ސައިކަލު ކޮންޓްރޯލް ނުކުރެވި ވަނީ އެތަށް ފޫޓަކަށް ބުރައިގެން ގޮސްފައެވެ. އަރަފާތު ފާހަގަވެގެން ގޮސްފައިވަނީ ސައިކަލު ސްޓަންޓް ހަދާ ފަންނާނެއްގެ ގޮތުގައެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓުވުމުން، އޭނާ ވަނީ ވެރިރަށް އަބިޖާންގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އޭނާ މަރުވީ އެކްސިޓެންޓުގައި އޭނާއަަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ގިނައަދަދަކަށް ލޭ ބޭރުވެގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މާ ގިނައިން ބަނގުރާ ބޮއެ މީހާގެ ހާލުދެރަވުމުގެ ސަބަބުން އޭނާއަށް ވަނީ މީގެ އަހަރުތަކެއް ކުރިން ހޮސްޕީޓަލުގައި އެޑްމިޓުކޮށްގެން ވެސް ފަރުވާ ދީފައެވެ. އެކަމުގެ ސަބަބުން 2014 ވަނަ އަހަރުގެ ތެރޭގައި ވަނީ އޭނާގެ ބްލެޑަރ އާއި އެޕެންޑިކް ނަގަފައެވެ.

"ކޫޕް ޑި ކޭލް" ޑާންސް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި އެތަށް ބަޔަކު ސިފަކުރާ އަރަފާތު މަރުވެފައިވަނީ އިއްޔެ ހޮސްޕިޓަކުގައި ފަރުވާދެމުން ދަނިކޮށެވެ. އަރަފާތަށް މިދިޔަ އަހަރުގެ ކޫޕް ޑި ކޭލް އެވޯޑްސްގެ އެންމެ މޮޅު ފަންނާނު ކަމުގެ އެވޯޑް ވެސް ލިބިފައިވެއެވެ.

އޭނާގެ މަރަށް ފަހު އަރަފާތުގެ އެތަށް ހާސް ފޭނުންނެއް ވަނީ ހޮސްޕިޓަލު ކައިރިއަށް އެއްވެ ހިތާމަކޮށްފަައެވެ.

9 ވަރަކަށް އަލްބަމް ނެރެފައިވާ އަރަފާތު އެންމެ ފަހުގެ މަޝްހޫރު ލަވަތަކުގެ ތެރެއިން "ޑޯސަބަޑޯ" އަށް އެތަށް ބަޔެއްގެ ސަމާލުކަން ހޯދިއެވެ. ޑީޖޭ އަރަފާތް އަކީ ޑޭވިޑް ގެޓާ ފަދަ އާޓިސްޓުންގެ ތަރުހީބުވެސް ހޯދާފައިވާ ފަންނުވެރިއެކެވެ.