ރާއްޖޭގެ އެންމެ ދުވަސްވީ ސިނަމާ "އޮލިމްޕަސް" ހިންގުމާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ހަލީލް "ވަގުތު" އަށް ވިދާޅުވީ ޕީއެސްއެމްއިން ހިންގުމާ ހަވާލުވަނީ މުނިފޫހިފިލުމުގެ ދާއިރާގެ ބޭފުޅުންނަށް މިހާރަށްވުރެ ފަހި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.

އަދި ޕީއެސްއެމްއިން ހިންގުމާ ހަވާލުވުމުން، އޮލިމްޕަސް ހުޅުވާ ގަޑިތައްވެސް ބަދަލުވެގެންދާނެ ކަމަށާއި ރޭގަނޑު ފިލްމު ދެއްކުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ތަމްރީނު ޕްރޮގުރާމްތައްވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

މީގެ ކުރިން އޮލިމްޕަސް ހިންގީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިންނެވެ. އެތަނުގައި ސްކޫލްތަކުގެ ކޮންސެޓުތަކާއި ލަވަ މުބާރާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ދިވެހި ފިލްމީ ދާއިރާގައި އުފައްދާ ފިލްމުތައް ސްކްރީން ކުރަނީވެސް އޮލިމްޕަހުގައެވެ.

އޭގެ އިތުރުން މި އިންޑަސްޓްރީގެ ކުރިއެރުމަށާއި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރައީސްގެ މި ނިންމުމާމެދު ވަރަށް ހިތްހަމަޖެހޭކަމަށް ހަލީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު