ވައިގެ ތެރޭގައި ހިމެނޭ، އަދި ގަސްގަހުން ބޭރުކުރާ ގޭހެއް ކަމަށްވާ ކާބަންޑައި އޮކްސައިޑް އާއި ފެން ބޭނުންކޮށްގެން ހަނޑުލާއި އެއްގޮތް ކާނާއެއް އުފައްދައިފިއެވެ.

ފިންލޭންޑުގެ ޓެކް ކުންފުންޏެއް ކަމަށްވާ "ސޯލާ ފުޑްސް" އިން އުފައްދާފައިވާ މި ކާނާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ހަނޑުލާއި ދާދި އެއްގޮތް އަދި ހަނޑުލުގެ ރަހަ ހިމެނޭ ކާނާއެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ކާނާ އުފެއްދުމަށް "ސޯލާ ފުޑްސް"ގެ ސައިންސްވެރިން ކާބަންޑައި އޮކްސައިޑް އާއި ފެން ބޭނުންކޮށްފައިވާއިރު، ކާނާ އުފެއްދުމުގެ މަރުހަލާގައި އިތުރަށް ބޭނުންކޮށްފައި ވަނީ ކަރަންޓެވެ.

އިންސާނުންގެ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސް އެކުލެވޭ މި ކާނާއަކީ، ކާނާގެ އެކި ބާވަތްތައް އުފެއްދުމުގައިވެސް ބޭނުންކުރެވިދާނެ ޕްރޮޑަކްޓެއް ކަމަށް "ސޯލާ ފުޑްސް"ގެ ތަޖުރިބާކާރުން ޤަބޫލުކުރާއިރު، އެފަރާތްތަކުން ބުނެފައިވަނީ، މިއީ ކާނާގެ މުޅީން އާ ވައްތަރުތަކެއްގެ ފެށުން ކަމަށެވެ.

"ސޯލާ ފުޑްސް" ކުންފުނިން ބުނެފައިވާގޮތުގައި، އެ ކުންފުނިން މިހާރު ކާމިޔާބު ކަމާއެކު އުފައްދާފައިވާ ޕްރޮޑަކްޓަކީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ކުރިމަތިކުރުވާނޭ ޕްރޮޑަކްޓެއް ނޫން ކަމަށެވެ. އެގޮތުން މި ކާނާ އުފެއްދުމަށް ކުރިޔަށްގެންދާ އެއްވެސް މަރުހަލާއެއްގައި، ތިމާވެއްޓަށް ނުރަނގަޅު އަސަރުކުރާ ކަމެއް ކުރާން ނުޖެހޭއިރު، މިއީ ގޮވާން ކެނޑުމަށްވުރެ ތިމާވެއްޓާއި ރައްޓެހި ގޮވާން ފަދަ ޕްރޮޑަކްޓެއް ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.

"ސޯލާ ފުޑްސް" އިން ބުނާގޮތުގައި، އެ ކުންފުނިން އަލަށް އުފެއްދި ހަނޑުލާއި އެއްގޮތް ކާނާ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އުފެއްދިދާނެއެވެ. އަދި މި ކާނާ އުފެއްދުމަށް ވަކި ކަހަލަ މާހައުލެއް ބޭނުން ނުވާއިރު، މިއީ ފަސޭހަކަމާއެކު އުފެއްދޭ ޕްރޮޑަކްޓެއް ކަމަށް އެފަރާތުން ބުނެއެވެ.

އެހެންކަމުން ކުރިޔަށް އޮތް ތަނުގައި މި ޕްރޮޑަކްޓު ދުނިޔޭގެ ބާޒާރުން ފެނިގެންދާނެ ކަމަށާއި، ގިނަ ބަޔަކަށް މި ޕްރޮޑަކްޓު ވެގެންދާނީ ތަފާތު، އަދި މީރު ބާވަތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. "ސޯލާ ފުޑްސް" އިން ބުނެފައިވަނީ، 2021 ވަނަ އަހަރު އަންނަންވާއިރަށް މި ޕްރޮޑަކްޓު ބާޒާރަށް ނެރުމަށް އެ ކުންފުނިން މިހާރު އަމާޒު ހިފާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކާބަަންޑައި އޮކްސައިޑާ، ފެނާ އެއްކޮށްގެންނޭ.. ތީ ރަނގަޅުވާހަކައެއްނޫން..

    4
    2