ޔޫރަޕްގެ ޤައުމެއް ކަމަށްވާ ޕޮލޭންޑުގެ މީޖްސެޑްރާންސްކީ ނަމަކަށްކިޔާ އަވަށެއްގައި ފިރިހެން ކުއްޖަކު އުފަން ނުވާތާ 12 އަހަރު ވެފައިވާކަން ހާމަވެ ގިނަ ބައެއްގެ ސަމާލުކަން އެމަކަށް ހުއްޓިއްޖެއެވެ. ޕޮލޭންޑާއި ޗެކްރިޕަބްލިކް ގުޅޭ ބޯޑަރު ސަރަޙައްދުގައި އޮންނަ މި އަވަށުގައި ފިރިހެން ކުދިން އުފަން ނުވެ އެތައް އަހަރެއް ވެފައިވާއިރު، އެ އަވަށުގައި ދިރިއުޅޭ ފިރިހެން ކުދިންގެ ނިސްބަތްވެސް މަދުކަން ވަނީ ހާމަވެފައެވެ.

ތިންސަތޭކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މި އަވަށުގައި އެންމެ ފަހުން ފިރިހެން ކުއްޖަކު އުފަން ވެފައިވަނީ މީގެ 12 އަހަރު ކުރިން ކަމަށްވާއިރު، އޭގެ ކުރިންވެސް އެ އަވަށުގައި ވަރަށް މަދުން ނޫނީ ފިރިހެން ކުއްޖަކު އުފަންވެފައި ނުވާކަން ރެކޯޑުތަކުން އެނގިފައި ވެއެވެ.

މިކަން މިހާރު ދިރާސާވެރިންގެ ސަމާލުކަމަށްވެސް އައިސްފައި ވާއިރު، ޕޮލޭންޑުގެ ޔުނިވާސިޓީ އޮފް ވާސޯގެ މެޑިކަލް ޖެނެޓިކްސް ޑިޕާޓްމަންޓުގެ ވެރިޔާ އަދި ތަޖުރިބާކާރު ޕްރޮފެސަރ، ރަފަލް ޕްލޯސްކީ ބުނެފައިވަނީ މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބުތައް ހުރެދާނެ ކަމަށާއި، ނަމަވެސް އެ ސަބަބުތައް ސީދާ ދެނެގަތުމަށް އިތުރު ހޯދުންތައް ހޯދައި ދިރާސާތައް ކުރިޔަށްގެންދަން ޖެހޭ ކަމަށެވެ.

އޭނާ ބުނެފައިވާގޮތުގައި މި އަވަށުގައި އުޅޭ މީހުން އާއިލީގޮތުން ގުޅުމެއް އޮތުމަކީވެސް މިކަމުގެ ސަބަބަށް ވެދާނެއެވެ. މީގެ އިތުރުން ތިމާވެއްޓާއި ގުޅުންހުރި ކަމެއްގެ ސަބަބުން ވެސް މިފަދަ ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، ނަމަވެސް ރެކޯޑުތައް ބަލައި އެކަން ސާފު ކުރުމަށް އަދި ދުވަސް ނަގާނެ ކަމަށް ޕްރޮފެސަރ ރަފާލް ބުނެފައި ވެއެވެ.

މީޖްސެޑްރާންސްކީގައި ފިރިހެން ކުއްޖަކު އުފަން ނުވެ 12 އަހަރު ވެފައިވުމާއި ގުޅިގެން އެ އަވަށުގެ ކައުންސިލްގެ ފަރާތުން ވަނީ، ދެން އެންމެ އަވަހަށް މި އަވަށުގައި އުފަންވާ ފިރިހެން ކުއްޖަކަށް ބޮޑު ހަދިޔާއެއް ދިނުމަށް ނިންމާފައެވެ. މިގޮތުންދޭ ހަދިޔާއަކީ ވަރަށް ރަނގަޅު އަދި ބޮޑު ހަދިޔާއަކަށް ވެގެންދާނެ ކަމަށް އެ ކައުންސިލުން ބުނާއިރު، އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

މަދުން މީހުން ދިރިއުޅޭ އަވަށްތަކުގައި ވަކި ޖިންސަކަށް ނިސްބަތްވާ ކުދިން އުފަންވާ މިންވަރު ތަފާތުވާއިރު، މީގެ ކުރިންވެސް މިފަދަ ކަންކަމަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވެއެވެ. އެގޮތުން އެއްވެސް ގޮތަކަށް ކުދިން އުފަން ނުވެ އެތައް ޒަމާނެއްވެދިޔަ އަވަށެއްގެ ވާހަކަވެސް ދާދިފަހުން މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަކޫ

    ނަސީބެއް އިންޑިޔާގެ އަވަށަކަށް ނުވީކަން