ހުރިހާ ކަމެއް ވެސް މީސް މީޑިއާގެ ޒަރިއްޔާ އިން ކުރަމުން އަންނަ މި ޒަމާނުގައި ފުލުހުން، އެމީހުންގެ ގިނަ މަސައްކަތް ތަކެއްވެސް މިގޮތަށް ކުރެއެވެ. ނަމަވެސް، ވޭލްސްގެ ފުލުހުން މީހެއް ހޯދަން މީސް މީޑިއާގައި އިއުލާން ކުރުމުން ކަންތައް ވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ.

ޓޭލާ ނަމަކަށް ކިޔާ މި މީހާ ހޯދަން އިއުލާން ކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ އެއްގައި ސުވާލު ކުރުމުގެ ގޮތުންނެވެ. ނަމަވެސް، އޭނާ ހޯދުމަށް ވުރެން ބޮޑަށް މީހުން ވަނީ ޓޭލާގެ ބޮލުގެ އިސްތަށި ގަނޑަށް ޖޯކު ޖަހައިފައެވެ.

ޖުމްލަ 84،000 ކޮމެންޓާއި 14،000 ޝެއާ ފުލުހުންގެ އެ ޕޯސްޓަށް ލިބުނު ނަމަވެސް، މީގެ ތެރެއިން ގިނަ މީހުން ޓޭލާ އަށް ޖޯކު ޖަހާފައި ވުމުން ވޭލްސްގެ ފުލުހުން ވަނީ އެ ޕޯސްޓާއި އެކު ފޮޓޯވެސް ޑިލިޓް ކޮށްލާފައެވެ.

ޑިލިޓް ކުރުމަށް ފަހު ފުލުހުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އެހެން މީހުންނަށް އިހުތިރާމް ކުރުމަށާއި، މީހަކާއި ދިމާލަށް ކިޔަން އެކަށީގެން ނުވާ އެއްޗެހި ކިޔާ ނަމަ އެކަން ތަހުގީގު ކޮށް، ފިޔަވަޅު އަޅާނޭ ކަމަށެވެ.

ޓޭލާ އަށް އެތައް ހާސް ބަޔަކު ޖޯކު ޖަހާފައި ވަނީ އޭނާގެ ބޮލުގެ ކުރިމަތި ތަލަ ކޮށް ހުރެފައި ބޮލުގެ ފަހަތް ކޮޅުން ކަރަންޓު ޖެހިފައި ހުރި ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު