އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ އަވަށެއްގައި ކުރިން ބޮޑެތި ކުށްތައް ކޮށްފައިވާ ކުށްވެރިން ނިދަން ދާ ޕޮލިސް ސްޓޭޝަނެއް ހުންނަ ކަމަށް އެޤައުމުގެ ބައެއް މީޑިޔާތަކުން ބުނެފިއެވެ.

އިންޑިޔާގެ މަޝްހޫރު ޓެބްލޮއިޑް ނޫހެއްކަމުގައިވާ "އިންޑިޔާ ޓައިމްސް" އިން ބުނެފައިވާ ގޮތުގައި މި ޕޮލިސް ސްޓޭޝަން ހުންނަނީ އެސްޓޭޓުގެ ސީތާޕޫރުގެ ލަހާރުޕޫރު ކޮއްޓަވަލީގައެވެ.

އެސަރަޙައްދުގެ ފުލުހުންގެ ސުޕްރިޓެންޑެންޓެއް "އޭއެންއައި" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކޮންމެ ރެޔަކުވެސް ބަރާބަރަށް ކުރިން ކުށްތައް ކޮށްފައިވާ މީހުން ސްޓޭޝަނަށް ދާކަމަށެވެ. އަދި، އެމީހުން އެކަމުގެ ހާޟިރީވެސް ބަލަމުންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި މި މީހުން ޕޮލިސް ސްޓޭޝަނަށް ދަނީ ހަމައެކަނި ނިދާކަށް ނޫނެވެ. އޭގެތެރެއިން ބައެއް މީހުން ރޭގަނޑުގެ ވަގުތުގައި މައްސަލަތައް ތަޙުޤީޤުކުރުމަށް ފުލުސް އޮފިސަރުންނަށް އެހީތެރިވަމުންދާކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، ދެން އެއްވެސް ކަހަލަ ކުށެއް ކުރުމުގައި އެފަރާތްތަކުން ބައިވެރިނުވާނެކަމަށް ވައުދު ވެފައިވާކަމަށްވެސް ފުލުހުންގެ ސުޕްރިޓެންޑެންޓް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު