އެއް ބަޔަކު ކުރާނެ ކަންތައް ގިނަވެގެން 24 ގަޑިއިރު ވެސް މަދުވެގެން އުޅޭއިރު އަނެއްބަޔަކު ތިބީ ކުރާނެ ކަމެއް ނެތިގެން ފޫހިވެފައެވެ. އިންސްޓަގްރާމް އާއި ފޭސްބުކް އަދި ސްނެޕްޗެޓް ހަވާލާ، ޔޫޓިއުބް އިން ވީޑިއޯއެއް ބެލުމަކީ ވެސް ވަކި ވަރަކަށް ކުރެވޭނެ ކަމެއް ކަމަށް ބަލާފައި އެކަންކަން ވެސް ކޮށް ފޫހިވެފައެވެ. ފޯނުން ވެސް ދެން ވަކި އިތުރަށް ކުރާނެ ކަމެއް ނެތެވެ. ވަށައިގެން އޮތީ ފޫހިކަމެވެ.

ނަމަވެސް ދެރަވާނެ ކަމެއް ނެތެވެ. ފޫހިވުމާއި ބެހޭ ގޮތުން ވެސް ދިރާސާތައް ސައިންސްވެރިން ގެންދަނީ ކުރަމުންނެވެ. ދާދިފަހުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ކުރި ދިރާސާއަކަށް ފަހު ނެރުނު ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ފޫހިވުމަކީ މައްސަލައެއް ނޫނެވެ. ފޫހިވާން އެބަޖެހެއެވެ. ފޫހި ނުވާނަމަ އެއީ މައްސަލައެކެވެ. ސައިންސްވެރިން ބުނަނީ އެގޮތަށެވެ.

ކަންކަމާއި ފޫހިވެގެން، ކުރާނެ ކަމެއް ނެތިފައި އިންނަން ޖެހޭ ސަބަބު ވެސް ސައިންސްވެރިން ބުނެދެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ފޫހިވެގެން ކަމެއް ނެތިފައި އިނުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަރާމެކެވެ. އަދި ތާޒާ ވިސްނުންތަކަށް ޖާގަދީ، އުފެއްދުންތެރި ވިސްނުންތައް ސިކުނޑީގައި އުފެދުމަށްޓަކައި މިފަދަ "ފޫހި ވަގުތުކޮޅެއް" ކޮންމެހެން ވެސް ސިކުނޑިއަށް ހޯދައިދިނުމަކީ މަޖުބޫރު ކަމެކެވެ.

ހާއްސަކޮށް ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިންނާއި، ޒުވާާނުންނަށް "ފޫހިވާނެ ވަގުތުކޮޅެއް" ހޯދައިދީ ސިކުނޑި ހަމަޖައްސާލަން ދިރާސާ ރިޕޯޓްގައި ވަނީ ލަފާދީފައެވެ.

އެހެންކަމުން ކުރާނެ ކަމެއް ނެތިގެން ފޫހިވެފައި ތިބެން ޖެހުމަކީ މާބޮޑަށް ފިކުރު ބޮޑުވާން ޖެހޭ ބޮޑު މައްސަލައެއް ނޫނެވެ.

ނަމަވެސް އެއްވެސް ގޮތަކަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވެ، ހުރިހާ ކަމެއް މަތިން ފޫހިވެފައި ވާނަމަ ނަފްސާނީ ދާއިރާގެ ތަޖުރިބާކާރަކާއި މަޝްވަރާ ކޮށްލުން އެއީ ވަރަށް އެދެވިގެންވާ ކަމެކެވެ.