މިއީ އިންޑިއާގެ ކެރެލާގައި ހުންނަ ކުޑަކުޑަ ރެސްޓޯރެންޓެކެވެ. އެތަނުން ކާން ބޭނުންވާ ކޮންމެ މީހަކު ބަނޑުފުރެންދެން ކާންވީއެވެ. ހެނދުނު ނާސްތާ، މެންދުރު ކެއުން އަދި ރޭގަނޑު ކެވޭނެެއެވެ. ހިލޭވެސް ކެވޭނެއެވެ.

ވަރަށް ފަހުން ހުޅުވި މި ރެސްޓޯރެންޓަކީ މިފަދަ އެންމެ ފުރަތަމަ ރެސްޓޯރެންޓްކަމަށް ވެއެވެ. މި ރެސްޓޯރެންޓްގެ ނަމަކީ "ދަ ޕީޕަލް ރެސްޓޯރެންޓް"އެވެ.

މި ރެސްޓޯރެންޓުން ހުރިހާ ގަޑިއެއްގައިވެސް ކެއުން ލިބޭއިރު، ބިލް އަންނާނީ އެ މީހަކު ބޭނުންވަރަކަށް ފައިސާ ދައްކާ ގޮތަށެވެ.

"ބަނޑުހައިވެފައި ހުރި މީހެއްނަމަ މި ރެސްޓޯރެންޓަށް އައިސް ކާންވީ. މި ރެސްޓޯރެންޓްގައި ނުހުންނާނެ ކޭޝިއަރެއް ވެސް ބިލް ތައްޔާރު ކުރާކަށް. އެ މީހަކު ބޭނުންވަރަކަށް އެ މީހަކު ކެއި އެއްޗަކަަށް ފައިސާދޭންވީ. އެ މީހަކީ އެއްވެސް ވަރަކަށް ފައިސާ ނެތް މީހެއްކަމުގައިވާނަމަވެސް ބަނޑުފުރެންދެން ކައިގެން ދާންވީ އެއްޗެއް ނުދީވެސް" އެ ރެސްޓޯރެންޓުން މައުލޫމާތުދެއެވެ.

މިއީ ކެރެލާގެ ފިނޭންސް މިނިސްޓަރުގެ ހިޔާލަށް ހެދި ރެސްޓޯރެންޓެކެވެ.

މި ތަނުގައި މަސައްކަތް ކުރަނީ އަމިއްލައަށް ވޮލެންޓިއާކޮށްގެން އައިސް އުޅޭ މީހުންނެވެ. އެތަން ހަދާފައިވާ އިމާރާތަކީވެސް ބަޔަކު ހިލޭ ދީފައިވާ އިމާރާތެކެވެ. އެ ރެސްޓޯރެންޓަށް ބަލާލުމުން ފެންނަ މަންޒަރުތަކަކީވެސް ބަޔަކު ވޮލެންޓިޔާކޮށްގެންކޮށްފައި ހުރި މަސައްކަތެވެ.

އިންޑިއާ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އިންޑިއާގައި ދުވާލު އެންމެ އިރުވަރަކު ކާން ލިބޭ ވަރުގެ އާމްދަނީއެއް ނުލިބޭ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ފަގީރުކަން ނައްތާލުމަކީ އިންޑިއާއަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ. އިންޑިއާ ސަރުކާރުގެ އަމާޒަކީ މިފަދަ ވޮލެންޓިއާ މަސައްކަތުން ފަގީރުންނަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދީ ފަގީރުންގެ އަދަދު މަދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު