އެމެރިކާގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިއެއް ކަމަށްވާ ޖޭމްސް ހާޑެން ބަހާމާސް އަށް ކުރަމުންދާ ޗުއްޓީ ދަތުރެއްގެ ތެރެއިން ވަރަށް ފަގީރު ނިކަމެތި، އާއިލާ އަކާއި ބައްދަލުވެ، އެއާއިލާގެ ހާލަތު އެނގުމުން އެއާއިލާއަށް ދިހަ ހާސް އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާއިން ބަލާނަމަ 154000 ރުފިޔާ) ދީފިއެވެ.

ޖޭމްސް ފައިސާ ދިނީ މިދިޔަ ހޮނިހިރު ދުވަހު ޖޭމްސް އާއި އޭނާގެ ބައެއް ރަހުމަތްތެރިން ބަހާމާސް ބަލާލުމަށް މަގުމައްޗަށް ނިކުމެ އުޅެނިކޮށް ދިމާވި އާއިލާއަކަށެވެ. ޖޭމްސް އާއި އެކު ޗުއްޓީ ދަތުރުގައި ބައިވެރިވަމުންދާ މީހުންގެ ތެރޭގައި އެޑިޑާސްގެ މާކެޓިން މެނޭޖަރ ރޯއީ ޕޭން ވެސް ހިމެނެއެވެ. ޕޭން ވަނީ ޖޭމްސް ފައިސާ ހަދިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ.

އުމުރުން 29 އަހަރުގެ ޖޭމްސް އަކީ އެމެރިކާގެ ގައުމީ ބާސްކެޓް ޓީމްގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެމެރިކާގެ ގައުމީ ޓީމާއި އެކު 2012 ވަނަ އަހަރު އޮލިމްޕިކްސްގެ ރަން މެޑެލް ވެސް ހޯދާފައެވެ.

2009 ވަނަ އަހަރު ޕްރޮފެޝަނަލް ބާސްކެޓް ކުޅެން ފެށި ޖޭމްސް މިހާރު ކުޅެމުން އަންނަނީ ހޮސްޓަން އަށެވެ. މިދިޔަ ސީޒަނަކީ އޭނާގެ ބާސްކެޓް ކެރިއަރުގައި ވެސް އައި އެންމެ ކާމިޔާބު އެއް ސީޒަނެވެ.

ޖޭމްސްގެ މިލްކިއްޔާތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އޭނާ އަށް ލިބިފައިވާ ނިއުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް ޖޭމްސް އާއްމުކޮށް ބުނެއެވެ.