ފިނި ސަރަޙައްދުތަކުގައި އުޅޭ ޕެންގުއިންއަކީ އާންމުކޮށް އެންމެ ބޮޑުވަނީ އެއް މީޓަރު ދިގުމިނަށެވެ. ނަމަވެސް ނިއުޒިލޭންޑުން މި ވަނީ އާދަޔާއި ޚިލާފަށް ބޮޑު ޕެންގުއިންތަކެއް ދުނިޔޭގައި އުޅެފައިވާކަމުގެ ހެކިތައް ހޯދާފައެވެ.

މީގެ 66 އާއި 56 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު ކަމަށްބުނާ މިވައްތަރުގެ ޕެންގުއިން ފަސް ފޫޓާއި ތިން އިންޗިއަށް ދިގުވާ ކަމަށް ވެއެވެ. މިއީ އާންމު އިންސާނެއްގެ ދިގުމިނެވެ. މިވައްތަރުގެ ޕެންގުއިންއެއްގެ ހަށިގަނޑުގެ ބައިތައް ފުރަތަމަ ފަހަރަށް ނިއުޒިލޭންޑުން ހޯދައި ކުރި ތަހުލީލުތަކުން އެނގެނީ، އެ ޕެންގުއިންގެ ބަރުގަދަން ގާތްގަނޑަކަށް 80 ކިލޯއަށް އަރާ ކަމެވެ.

މި ޕެންގުއިން ހޯދި، ނިއުޒިލޭންޑުގެ ދާރުލްއާސާރެއްގައި މަސައްކަތްކުރާ ތަޖުރިބާކާރު، ޕައުލް ސްކޯފީލްޑް ބުނެފައިވާގޮތުގައި، މިއީ މިހާތަނަށް ދުނިޔޭގައި ދިރިއުޅުނު ޕެންގުއިންގެ އެންމެ ތަފާތު، އަދި އެންމެ ބޮޑުވާ ވައްތަރު ކަން އެނގިފައިވާ ކަމަށެވެ. މި ޕެންގުއިންގެ އާއިލާ ދުނިޔެއިން ނެތިގެން ދިޔައީ، ދުނިޔޭގައި މީގެ އެތައް މިލިއަން އަހަރެއް ކުރިން އުޅުނު ސާރު (ޑައިނޮސޯ) ނެތިގެން ދިޔައިރު ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިވައްތަރުގެ ޕެންގުއިން، ނިއުޒިލޭންޑުގެ އިތުރުން، އޮސްޓްރޭލިއާ އާއި ގަނޑުގެނުގެ ބައްރު، އެންޓާކްޓިކާގައިވެސް ދިރިއުޅުނު ކަމަށް ވެއެވެ. ދުނިޔޭގައި ފަހުން އާބާދުވި ދިރުންތައް ކުރިއާއި އަޅާބަލާއިރު ތަފާތުވެފައި ވަނީ، މޫސުމަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.