ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ސްރީ ދޭވީގެ ކުއްލި މަރާއެކު އެތައް ބަޔަކު އަދިވެސް ހިތާމަތައް ކުރަމުންދެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ކެކުޅުމެއްގައި އުޅެމުން ދަނީ އޭނާގެ ފިރިމީހާ އާއި އާއިލާއެވެ. މަންމަގެ އެ ހަނދާންތައް ދަރިން އަބަދުވެސް ކުރަމުން އަންނައިރު، ފިރިމީހާ ބޮނޭ ކަޕޫރުގެ ހިތުން، ލޯބިވާ އަނބިމީހާގެ ހަނދާތައް ފިލައިނުދެއެވެ.

ސްރީދޭވީގެ 56 ވަނަ އުފަންދުވަސް ކަމަށްވާ 13 އޯގަސްޓުގައި، އޭނާގެ ހަނދާންތައް އާކުރަމުން ބޮނޭ ކަޕޫރު ބުނެފައިވަނީ، ލޯބިވަ އަނބިމީހާގެ ހަނދާންތައް ކޮންމެ މިނެޓެއްގައިވެސް ހިތުގައި ހިނގަމުންދާ ކަމަށެވެ. އަދި އަބަދާއި އަބަދުމެ އޭނާ އާއި އެކު ސްރީދޭވީ ވާނެ ކަމަށް ބޮނޭ ކަޕޫރު ބުނެފައި ވެއެވެ.

ބޮނޭ ބުނީ، ސްރީދޭވީއަކީ، އޭނާގެ މަސައްކަތަށް އަބަދުުވެސް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށާއި، ފަހު ނޭވާއާ ޖެހެންދެންވެސް ހުރީ އެގޮތުގައި ކަމަށެވެ.

ބޮނޭގެ އިތުރުން، ސްރީ ދޭވީގެ ދަރިފުޅު، އަދި ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރުވެސް ވަނީ ހިތުގައި އަޅަމުންދާ ވޭން އެންމެނާ ހިއްސާކޮށްފައެވެ. އެގޮތުން ސްރީދޭވީގެ އުފަން ދުވަހު މަންމައާއި އެކު ނަގާފައިވާ ފޮޓޯއެއް ޖާންވީ ކަޕޫރު އާންމުކޮށްފައި ވާއިރު އަބަދުވެސް މަންމަ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ފޮޓޯގެ ކެޕްޝަނުގައި ލިޔެފައި ވެއެވެ.

ސްރީ ދޭވީ މަރުވީ 24 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައި އޮތް ކައިވެނީގެ ހަފްލާއަކަށްގޮސް ހުއްޓައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދައްކާފައި ވަނީ އޭނާ މަރުވީ އަމިއްލަ ބާތްޓަބްގައި ގެނބިގެން ކަމަށެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުވިއިރު، އޭނާ ވަނީ 300 އެއްހާ ފިލްމް ކުޅެފައެވެ. ސްރީދޭވީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.