ޔޫއޭއީގެ ޝާރްޖާހް ސްކޫލެއްގެ ސުޕަވައިޒަރަކު ސްކޫލް ދަރިވަރަކަށް އަދަބު ދިން މައްސަލާގައި ހޫނުފެނަށް ވެއްޓިއްޖެއެވެ. އެ މައްސަލަ އެންމެ ފަހުން ފުލުހަށާއި، ކޯޓަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި އޭނާ މިހާރު ޖެހެނީ އެ ކުއްޖާއަށް އަދަބު ދިން މައްސަލާގައި 10000 ދިރުހަމް ކޯޓަށް ދައްކާށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސްކޫލްގެ ސުޕަވައިޒަރު އެ ކުއްޖާއަށް އަަދަބު ދިނުމުގެ ގޮތުން ބޫޓު ނުލާ އަވިދޭ ގަޑިއެއްގައި މަގުމަތީގައި ހިނގަން ޖެއްސުވީއެވެ.

އެ މައްސަލާގައި ޝާރްޖާހް ފެޑެރަލް ކޯޓުން އެ ކުއްޖާއަށް އަދަބުދީ އެ ކުއްޖާގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓާލިކަން ސާބިތުވާކަމަށް ނިންމިއިރު،އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.

ކޯޓުގެ ރެކޯޑްތަކުން ދައްކާގޮތުގައި، 2018 ވަނަ އަހަރު މެއި މަހުގެ ނުވަ ވަނަ ދުވަހު އެ ކުއްޖާގެ ބައްޕަ ފުލުހަށް މައްސަލަ ހުށަހަޅަމުން ބުނެފައި ވަނީ، އެ ސުޕަވައިޒަރު އޭނާގެ ދަރިފުޅަށް އަދަބު ދިނުމުގެ ގޮތުން ދަރިފުޅުގެ ބޫޓު ނެގި ކަމަށެވެ. އަދި މުޅި ކްލާސް ނިމެން ދެން ދަރިފުޅު ހުންނަން ޖެހުނީ ބޫޓަށް ނާރާ ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

"އަދި އެ ސުޕަވައިޒަރު އަހަރެންގެ ދަރިފުޅު މެންދުރު ހޫނު ގަދަ އަވީގައި މަގުމަތީގައި ހުސް ފަޔާ ހިނގުވި". އޭނާ ފުލުހަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ކްލާސް ނިމުމުން ދަރިފުޅު ޓީޗަރު ކައިރިއަށް ބޫޓު ހޯދަން ދިޔަ ކަމަށާއި، ނަމަވެސް ބަދަލުގައި ދަރިފުޅާއި ދިމާޅަށް އެއްޗެހި ކީ ކަމަށެވެ. އަދި ދަރިފުޅު ސްކޫލް ބަހަށްވެސް ދާން ޖެހުނީވެސް ބޫޓު ނެތުމުން ހުސް ފަޔާ ހިނގާފައި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.