ދުވަސްތަކެއް ވަންދެން ކެމެރާތައް ކުރިމަތިން "ގެއްލުނު" ތުރުކިމިނިސްތާނުގެ ރައީސް، ކުރްބަންގްލީ މުކަމެޑޯވް އަވަހާރަވެއްޖެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރިފައި ވަނިކޮށް، ތަފާތު ގޮތަކަށް ފެނިލައި އެތައް ބަޔަކު ހައިރާންކޮށްލައިފިއެވެ.

ތުރުކިމިނިސްތާނުގެ ޤައުމީ ޓީވީން ރައީސް މުކަމެޑޯވްގެ ވީޑިއޯއެއް މިދިޔަ އާދީއްތަ ދުވަހު ދައްކާލާފައިވާއިރު، އޭނާ ފެނިފައިވަނީ ތަފާތު ގޮތަކަށެވެ. އެގޮތުން އެޤައުމުގެ ޑަރްވާޒާގެ ހަނަފަސް ސަހަރާއެއް ކަމަށްވާ ކަރަކުމްގައި އޮންނަ "ގޭޓްސް އޮފް ހެލް"ގެ ނަމުން ނަންދެވުނު ބިޔަ އަލިފާން ވަޅެއްގެ ކައިރީގައި ރެލީ ކާރެއް ދުއްވަވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އުމުރުފުޅުން 62 އަހަރުގެ މުކަމެޑޯވްގެ ހުނަރުވެރި މި ވީޑިއޯ ތުރުކިމިނިސްތާނުގެ ޤައުމީ ޓީވީން އާންމުކުރުމާއެކު މިހާރު އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، މުކަމެޑޯވް އަވަހާރަވެއްޖެ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކުރުމުން އެ ޓީވީ ޗެނަލުން ކުރިން ބުނެފައިވަނީ އޭނާ ހުންނެވީ ޗުއްޓީއެއްގައި ކަމަށެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ މީގެ ކުރިންވެސް މުކަމެޑޯވް ޗުއްޓީ ހޭދަކުރެއްވި ގޮތާއި ގުޅޭ މަންޒަރު ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އެ ވީޑިއޯގައި އޭނާ އިންޑޯގޭމް ކުޅުއްވާ މަންޒަރުވެސް ފެނިފައި ވެއެވެ. މީގެ ކުރިންވެސް މުކަމެޑޯވްގެ މިފަދަ މަޤުބޫލު ވީޑިއޯތައް މީޑިއާތަކުގައި ދައުރުވެފައި ވެއެވެ. އެގޮތުން ކެބިނެޓް ބައްދަލުވުމެއްގައި، ރަނުން ހަދާފައިވާ ދަގަނޑެއް އޭނާ އުފުއްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އަހަރު ދައުރުވެފައި ވާއިރު، ނިރުބަވެރި އިސްލާމިކް ސްޓޭޓް ޖަމާޢަތާއި ދެކޮޅު ހެދުމުގެ ގޮތުންވެސް މީގެ ކުރިންވެސް މުކަމެޑޯވްގެ ވީޑިއޯއެއް ހަދާފައި ވެއެވެ. މީގެ އިތުރުން ކާފަދަރިކަލުންނާއެކު މީގެ ކުރިންވެސް މުކަމެޑޯވް ލަވަކިޔުއްވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީގެ ކުރިން ތުރުކިމިނިސްތާނުގެ ޤައުމީ ޓީވީން އާންމުކޮށްފައި ވެއެވެ.

މުކަމެޑޯވް ތުރުކިމިނިސްތާނުގެ ވެރިކަމަށް ވަޑައިގަތީ، ކުރިން އެ މަޤާމުގައި ހުންނެވި ސަޕާމުރަތް ނިޔާޒޯވް އަވަހާރަވުމުން 2006 ވަނަ އަހަރުއެވެ. އޭނާއަކީ ނިޔާޒޯވްގެ ވެރިކަމުގައި އެޤައުމުގެ ހެލްތް މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު