އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ސްޓޭޓްތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ އާންމު ދިރިއުޅުމަށް އުނދަގޫވެފައެވެ.

އެގޮތުން ވިއްސާރައިގެ ސަބަބުން އިންޑިއާގެ ރައިޗަލް ޑިސްޓްރިކްޓްގައި ފެންބޮޑުވެފައި އޮތް މަގެއްގެ މަތިން ހުރަސް ނުކުރެވި އޮތް އެންބިއުލާންސް އަކަށް އުމުރުން 12 އަހަރުގެ ކުޑަ ކުއްޖެއް ތަން ދައްކަައި އެހީވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

ހަ ކުޑަ ކުދިންނާއި މަރުވެފައި އޮތް އަންހެނެއްގެ ހަށިގަނޑު ހިފައިގެން ދަތުރު ކުރި މި އެންބިއުލާންސް މަގު މެދަށް ހުއްޓަން ޖެހުނީ މަގުގެ ބޮޑު ބައި ފެނު އަޑީގައި އޮތުމުން މަގު ފާހަގަ ކުރަން ދަތިވުމުންނެވެ. އެ އެމްބިއުލާންސްގެ ޑްރައިވަރަށް އެހީވެދިނީ މި ކުއްޖާއެވެ.

ވެންކަޓޭޝް ނަމަކަށް ކިޔާ މި ކުއްޖާ ކޮށްދިން ކަންތައްތަކަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ތައުރީފް ކުރަމުންނެވެ. އަދި ދެއްކި ނަމޫނާއަށް އެވޯޑެއް ދިނުމަށް ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގައި 200 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއަށް ހުޅަނގު މޫސުން ކުރިމަތި ވަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދުގައި ކަމަށްވާއިރު، މި ދުވަސްވަރަކީ ފެންބޮޑުވުމާއި އެކަމާ ގުޅުންހުރި އެކި ހާދިސާތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލެމުންދާ ދުވަސްވަރެކެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުން ކުރިއަށް އޮށް 3 ދުވަހުވެސް މޫސުން ގޯސްވި ނަމަވެސް ބޯކޮށް ވާރޭ ވެހޭނެކަމަކަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު