އީދުގެ މަޖާ ނެގުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ތަފާތެވެ. މުޅި ރާއްޖޭގައިވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާއިރު، މުޅި ށ. ކަނޑިތީމު އެންމެން އެކަމެއްގައި ޝާމިލުވާ އެންމެ ބޮޑު ހަރާކާތަކީ މަސްރޭހެވެ. މަސްރޭހެކޭ ބުނުމުން މީކީ "ސަމާސާ މަސްރޭހެއް ނޫނެވެ." މިއީ ރާއްޖޭގައި ޖޯޝާ ފޯރީގައި ކުރާ މަސްވެރިކަން ދައްކުވައިދޭ ބޮޑު މަސްރޭހެކެވެ.

މަސްރޭސް އީދާ ގުޅުވާލާ ހިސާބަކީ، އެތަކެއް އިވެންޓްތަކަކަށް މަސްރޭސް ބެހިގެންދާ ހިސާބެކެވެ. މި މަސްރޭހުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވުމަކީ އެންމެ ހިތްގައިމު މަންޒަރެވެ. ބާކީވެ، ކުރާނެ ކަމެއް ނެތިފައި ހުންނަން ޖެހޭނެ އެކަކުވެސް މަސްރޭސް ކުރިއަށްދާ ދުވަހު ނުހުންނާނެއެވެ. ހާއްސަކޮށް މަސްރޭހަކީ ރަށުގެ ކެޔޮޅުންނަށް، ލިބިގެންދާ ޝަރަފެކެވެ.

އަބަދުވެސް މަސްވެރި ރަށެއްގެ ގޮތުގައި ކަނޑިތީމު ފާހަގަކޮށްލެވޭއިރު، މަސްރޭހަކީ މިދިޔަ އީދުގައި ތައާރަފް ވެގެން އައި ހަރަކާތެކެވެ. އެފަހަރު 10 ޓީމުން ވާދަކުރިއިރު، ޓީމެއްގައި ތިބެނީ 6 މެމްބަރުންނެވެ. ކުއްލިއަކަށް މަސްރޭހުގެ ކަންކަން ވައިގައި ހިފާ، މިފަަހަރު ޓީމުތަކުގެ އަދަދު 17 އަށް އިތުރުވިއެވެ.

"ވަރަށް ފޯރިއާއެކު ކުރިއަށްދާ އިވެންޓެއް މިއީ. ވަރަށް ތަފާތުކޮށް ކުރީ ޒަމާނުގައި މަސްވެރިކަން ކުރަން އޮތް ގޮތް ދައްކުވައިދޭ ކަންކަން މަސްރޭހުގައި ކުރިއަށްދާނީ. ފުރަތަމަ ހެނދުނު އޮންނާނެ ހާއްސަ އިވެންޓެއް. 9:00 ޖަހާއިރު ދުވަސްވީ ކެޔޮޅުން ޝަރަފުވެރި ކޮށްދޭ އިވެންޓްގައި ކޮންމެ ޓީމަކަށް ދޭނީ ދިދައަކާއި، ފޮނި ރޮށްޓެއް. އެއީ ދެން ކުރިން މަހަށް ގެންދާ އެއްޗެއް މި ފޮނި ރޮށްޓަކީ. ދެން ކޮންމެ ޓީމަކުންވެސް ހުށަހެޅުމެއް ސްޓޭޖުގައި ހުށަހަޅާ ދީފަ 10:00 ޖަހާއިރު ނައްޓާލާނީ،" އެކަން ހިންގާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ހަސަން ޒަރީރް (ޒަރޭ) ވަގުތަށް ކިޔައިދިނެވެ.

މަސްރޭހުގައި ބައިވެރިވެވެނީ ނާށި ބަސްތާއަކަށެވެ. އެއީ ރޭގަނޑު އޮންނަ ބާބަކިޔު އިވެންޓަށް ބޭނުން ކުރާނެ ނާށި ބަސްތާއެވެ.

"ނާށި ބަސްތާއަކަށް ބައިވެރިވެވޭނީ. އެއީ ރޭގަނޑު އޮންނަ ބާބަކިޔު އިވެންޓަށް. ދެން މަހަށް ފުރުމުން އެއީ ނިމުނީކީ ނޫން. އެ ފުރުމާއެކު ރަށުގައި ތިބޭ އަންހެން ވެރިން ތައްޔާރުވާނީ އަންނަ ގަޑީގައި ކިރު ޖޫހާ ކުދި ބިސްކޯދު ދިނުމަށް. ފިރިހެން ވެރިން މި ތައްޔާރުވަނީ މަސްފިހަން އޫ ތައްޔާރު ކުރުމަށް. މިކަމުގައި ހަމަ ކުދި ބޮޑު އެންމެން ބައިވެރިވާނެ،" ޒަރޭ ބުންޏެވެ.

މުޅި ރަށުން ދައްކަނީ އެކުވެރިކަމުގެ ނަމޫނާއެކެވެ. މަހުން އައިސް ބޮޑު މަޖާ ގަނޑެއްގެ ތެރޭގައި މަސް ކިރާ، އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި އެންމެ ގިނަ ހަބަރު ބޭނި ޓީމާއި އެންމެ ގިނަ ހަނދި ފަދަ މަސްތައް ބޭނި ޓީމުތައް ފާހަގަކޮށް ފައިސާގެ އިނާމް ދޭނެއެވެ. ވަނަތަކަށްވެސް ފައިސާގެ އިނާމް ކަނޑައެޅިފައިވާއިރު، އިޝާ ނަމާދަށްފަހު މުޅި ރަށު އެންމެން ނުކުންނާނީ ބާބަކިޔު އަށެވެ. އެއްވެސް ގެއެއްގައި ކެއްކުމެއް ނެތެވެ. ހިތްގައިމު، އެކުވެރި، ތަފާތު މަސްރޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޚިޔާލީ

  Vaki bayaku vaki kameh promote kurumuge beynumuga.

  4
  8
 2. އަހްމަދުބިންސައީދު

  ކަނޑިތީމުގައި 100 ކެޔޮޅުންނެއް ނުތިބޭނެ. 100 މަސްވެރިން ތިބެދާނެ.

  9
  8
 3. މައިކް

  ވަރަށް ވަތަނީ ރޫހެއްގައި ކުރިޔަށް ދާ އިވެންޓެއް

  13
  1
 4. ކޮމެންޓް

  ފޮޓޯއިން ފެންނަނީ ފިރިހެނުން އަންހެނަކަށް ވާން އުޅޭ ކަހަލަ މަންޒަރެއް. ލިވާތު ނޫނަކަސް މިވެސް ނައްޞުއް ސާބިތުވާ ދީނާ ޚިލާފު އަމަލެއް.

  12
  1
 5. ދަގޭ

  އެއްކަލަ ކުޅަންދު ހަމަނުވާ ގްރޫޕް......ލަދުން ބޯހަލާކު....

  • ހޖ

   އެހެންވެ ތޯއްޗެއް މާލޭ ގަ ނުތިބެވިގެން ބަންދެއް ލިބޭ އިރަށް މިތާކަށް ތި އަންނަނީ..

 6. އިހުސާނާ

  ވަރަށް ފައްކާ މި މަސް ރޭސް އިނގޭ!