އިނގިރޭސިވިލާތުގައި ކާރެއްގެ ތެރޭގައި ވޭޕްއެއް ގޮވާ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

އުމުރުން 24 އަހަރުގެ ވިލް ބުނީ، އޭނާ ކާރު ދުއްވަމުންދަނިކޮށް، އޭނާ ގެންގުޅޭ ވޭޕް ޕެންގެ އާ ބެޓަރީ ގޮވީ ކަމަށެވެ. އަދި އެއާއެކު އޭނާ ލައިގެން ހުރި އެއްޗެހީގައި އަލިފާން ހިފި ކަމަށް އޭނާ ބުންޏެވެ. އެއިރު އޭނާއާެއެކު ލޯބިވެރިޔާ ބިނޭވެސް އިނެވެ.

އުމުރުން 15 އަހަރުގައި ސިގިރެޓް ބޯން ފެށީ ވިލް ބުނީ، އޭނާ ވޭޕްއަށް ބަދަލު ކުރީ އުމުރުން 19 އަހަރުގައި ކަމަށެވެ.

އޭނާ ބުނިގޮތުގައި، އެ ވޭޕް އެއިރު އޮތީ އޭނާ ލައިގެން ހުރި ޖެކެޓުގެ ޖީބު ތެރޭގައި ކަމަށެވެ. އަދި އެ ވޭޕް ގޮވާފައި ވަނީ، ފިހާރައަކަަށްގޮސް އެނބުރި ގެއަށް ދިޔަ މަގުމަތީގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެންމެ ފުރަތަމަ އިވުނީ އެއްޗެއް ގޮވި އަޑު ކަމަށާއި، އޭނާ ލައިގެން ހުރި ޖެކެޓް އަނދަން ފެށި ކަމަށެވެ. އަދި އިރުކޮޅެއް ފަހުން ބެޓަރީ ގޮވިއިރު، އޭނާގެ ގައިގައި އަލިފާން ހިފި ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ލައިގެން ހުރި އެއްޗެހީގައި އަލިފާން ހިފި، އަހަރެން ވަގުތުން ކާރުން ބޭރަށް ނުކުމެ ލައިގެން ހުރި އެއްޗެހި ބޭލިން، އެއިރު ސްނޯވެސް ވެގެން ދިޔަ". އޭނާ ބުންޏެވެ.

އަދި ކާރުގައިވެސް އަލިފާން ހިފިކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އޭނާއާއި ލޯބިވެރިޔާ މަޑުކޮށްގެން ތިބީ އެމާޖެންސީ އޮފިޝަލުން އަންނންަދެން ކަމަށެވެ.

އެ ހާދިސާގައި އޭނާގެ ބަނޑާއި، މާމެތި ވަރަށް ބޮޑަށް ފިހުނު ކަމަށެވެ. އަދި ހީވީ ދިރިހުއްޓާ އަންދާލިހެން ކަމަށްވެސް އޭނާ ބުންޏެވެ.

ވޭޕް ގޮވައިގެން މީގެ ކުރިންވެސް ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޭޕު

    އަދިވެސް ބޯތި!