ދުނިޔޭގެ ދެބައިކުޅަ އެއްބައި ދިރުން ނެތިކޮށްލާ، މީގެ އެތައް ޒަމާނެއް ކުރިން ބިމުގައި ދިރިއުޅުނު، މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޖަނަވާރު، ސާރު (ޑައިނޮސޯ) ދުނިޔެއިން ނައްތާލައި، އެ ޖަނަވާރުތަކުގެ ނަސްލު ބިމުން ފޮހެލިވަރުގެ ބިޔަ ގިނިހިލައެއް ދުނިޔެއާއި ދިމާލަށް އަންނަ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

"1990އެމްޔޫ"ގެ ނަމުން ނަންދީފައިވާ މި ގިނިހިލަ އެންމެ ފުރަތަމަ ހޯދާފައި ވަނީ ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯސާ ސިސްޓަމް)ގެ ތެރޭގައި ދައުރުވަމުން ދަނިކޮށް މީގެ 29 އަހަރު ކުރިންނެވެ. މި ސޫރުދަ ނިޒާމުގެ ތެރޭގައި ދައުރުވަމުންދާ "1990އެމްޔޫ" ދުނިޔެ އާއި ދިމާލަށް މިހާރު މިސްރާބު ޖަހާފައިވާއިރު، ބިމާއި އެންމެ ގާތުން ދެން ދަތުރުކުރާނެ ކަމަށް ބެލެވިފައި ވަނީ 2027 ވަނަ އަހަރުގެ ޖޫން 6 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ސައިންސްވެރިން ބުނާގޮތުގައި، "1990އެމްޔޫ" ދުނިޔެއާއި އެންމެ ގާތުން ދަތުރުކުރާ އިރު، އެ ބިޔަ ގިނިހިލަ ދުނިޔެ އާއި އެންމެ ކައިރީގައިވާ ގުރަހަ ކަމަށްވާ މިއްރީޚު (މާސް) އާއި ދެމެދުގައި ހުރި ދުރުމިނަށްވުރެ ވެސް ކައިރިވާނެއެވެ. މިއީ ސޫރުދަ ނިޒާމާއި އަދި މުޅި ކައުނުގެ ބޮޑުމިނަށް ބަލާއިރު ވެސް އާދަޔާއި ޚިލާފަށް ކައިރި ދުރުމިނެއްކަން ކަންބޮޑުވުމާއެކު ތަޖުރިބާކާރުން ފާހަގަކުރެއެވެ.

"1990އެމްޔޫ"ގެ ފުޅާމިނުގައި 9 ކިލޯމީޓަރު ހުރެއެވެ. މިއީ ގާތްގަނޑަކަށް، ދުނިޔޭގައި މީގެ އެތައް މިލިއަން އަހަރެއް ކުރިން އުޅުނު ސާރު ނައްތާލި ކަމަށްބުނާ ގިނިހިލައި އާއި ދާދި އެއް ސައިޒެއްގެ ގިނިހިލައެކެވެ. ދުނިޔެއިން ސާރު ނައްތާލި ގިނިހިލައިގައި ހުންނަނީ ދިހަ ވަރަކަށް ކިލޯމީޓަރު ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެ ގިނިހިލަ ވެއްޓުނީ މީގެ 66 މިލިއަން އަހަރު ކުރިން، މިހާރުގެ މެކްސިކޯ އޮންނަ ސަރަޙައްދަށެވެ. އެ ހާދިސާގައި ދުނިޔޭގައި އުޅުނު ދިރުންތަކުގެ ދެބައިކުޅަ އެއްބައި ދިރުންތައް ނެތިދިޔައެވެ.

މާސިންގާ "1990އެމްޔޫ" ގިނިހިލަ މިހާރު ދުނިޔެ އާއި ދިމާލަށް މިސްރާބު ހުރިއިރު، ދާދިފަހުން ވެސް ދުނިޔެ ކައިރިން ބޮޑު ގިނިހިލައެއް ދަތުރުކޮށްފައި ދިޔައެވެ. އެ ގިނިހިލަ ދަތުރު ކުރީ ދުނިޔެ އާއި 75000 ކިލޯމީޓަރު ދުރުން ކަމަށްވާއިރު، މިއީ ބިމާއި ހަނދާއި ދެމެދުގައިވާ ދުރުމިނުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދުރުމިނެވެ. މި ގިނިހިލަ ބިމުގައި ޖެހުނު ނަމަ ބޮޑު ސިޓީއެއް ސުންނާފަތިވެ އަޅިޔަށް ވެގެންދިޔައީސް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ދުނިޔެ އާއި ދިމާލަށް އަންނަމުންދާ "1990އެމްޔޫ" 2027 ވަނަ އަހަރު ދުނިޔެ އާއި ފުށުނޭރި ކަމުގައި ވީނަމަވެސް، ދެން އެ ގިނިހިލަ ދުނިޔެ ކައިރިން ދަތުރުކުރާ ފަހަރެއްގައި ބިމުގައިވާ ދިރުންތަކަށް ނުރައްކާ ކުރިމަތިކުރުވާހައި ކައިރިން ދަތުރުކުރާނެ ކަމަށް ޤަބޫލުކުރެވިފައި ވެއެވެ. މިފަހަރުގެ އޯބިޓަށްފަހު ދެން "1990އެމްޔޫ" ދުނިޔެ ހުރަސްކުރާ އޯބިޓުގައި ދުނިޔެ އާއި އެންމެ ކައިރިވާނީ 2058 ވަނަ އަހަރު އެވެ.

ސައިންސްގެ ހޯދުންތަކުން އެނގޭ ގޮތުގައި ސާރުގެ ނަސްލު ދުނިޔެއިން ނައްތާލި ވަރުގެ ގިނިހިލައެއް ކޮންމެ 100 މިލިއަން އަހަރަކުން އެއްފަހަރު ދުނިޔެ އާއި ފުށުއަރައި ބޮޑު ކާރިސާއެއް ހިނގާނެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ގިނިހިލަ ދުނިޔެ ކައިރިން ދަތުރު ކުރާތީ ދިރާސާވެރިން ކަންބޮޑުވެފައި ތިބިއިރު، އެފަދަ ކަމަކުން ސަލާމަތްވުމުގެ އީޖާދެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ. ދުނިޔެއާއި ދިމާލަށް އަންނަ ގިނިހިލަތަކަށް، ޚާއްސަ އުޅަނދެއް ފޮނުވާލައިގެން އެ ގިނިހިލައިގެ މިސްރާބު ބަދަލުކޮށްލާފަދަ މި އީޖާދު އަސްލަކަށްވާނެ ދުވަހެއް އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޮނިފުހޭ

    ބިރުގަނޭ

    36
    1
  2. ސޮނިފުހޭއިސްކިން ޓޯޓޯ

    ގުރުއާން ކިޔަވާ އިސްލާހުވޭ

    53
    3
  3. ބޮކި

    ފަސް ވަގުތު ނަމާދުކޮށް ދުއާކުރޭ.....

    48
    4
  4. މާމިގިލީ މީހާ

    ފޭކު ވާހަކައެއް ތީ. ނާސާ އަކީ ބޮޓެއް.

    3
    14