އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރ ލިއާމް ހެމްސްވޯތް އާއި އެކު އޮތް ގުޅުން ނިމުމަކަށް އައުމުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، މައިލީ ސައިރަސް އޭނާގެ ހިތުގައި އުފެދިފައިވާ ހިތާމަވެރި އުދާސްތައް ލަވައަކުން ކިޔައިދީފިއެވެ.

ދެމަފިރިން ވަކިވިތާ ހަފްތާއެއްހައި ދުވަސްވެސް ނުވަނީސް ރިލީޒްކުރި މި ލަވައަކީ ސީދާ ލިއާމް އާއި "ބްރޭކްއަޕް" ވުމުން އެކަމަށް ޚާއްސަކޮށްގެން ނެރުނު ލަވައެއް ކަމަށް މައިލީ ބުނެފައި ނުވީ ނަމަވެސް، ލަވައިގައި، ދެމީހަކު އެކުގައި އުޅެފައި ވަކިވެދިއުމުން ލިބޭ ހިތާމަ ކިޔައިދީފައި ވެއެވެ. އަދި ލޯބި ގެއްލި ދިއުމުން، އެކަން ހިތުން ފިލުވާލަން އުނދަގޫ ކަމާއި، އެ ދުވަސްތައް "މިސް"ވާ ކަމަށް ލަވައިގައި ވެއެވެ.

"ސްލައިޑް އެވޭ"ގެ ނަމުގައި ނެރުނު މި ލަވައަށް އަދި ވީޑިއޯއެއް ހަދާފައި ނުވާއިރު، ޔޫޓިއުބުގައި މި ލަވަ އާންމުކޮށްފައިވަނީ މޫދުގައި ހުރި ފުޅިތަކަކާއި ބޭސްގުޅަތަކެއް ފެންނަ ފޮޓޯއަކާއެކު އެވެ. މިއީ މައިލީ އާއި އޭނާގެ ފިރިމީހާ ލިއާމް އާއި ދެމެދު މައްސަލަތައް އުފެދޭ މައިގަނޑު އެއް ސަބަބު ރަމްޒުކޮށްދިނުމުގެ ގޮތުން ލާފައިވާ ފޮޓޯއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މައިލީ އޭނާގެ އެކުވެރިންނާއެކު ހޭދަކުރި ޗުއްޓީއެއްގައި ކުރި ކަމަކުން ލިއާމް އޭނާ އާއި ވަކިވާން ބޭނުންވިއިރު، ދެމީހުން މިވަގުތު ތިބީ "ބްރޭކެއް"ގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ދެބަސްވުންތަކަކަށްފަހު އެ ދެމީހުންގެ ގުޅުން އަލުން އަނބުރާ ބަދަހި ވެދާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ. މައިލީ އާއި ލިއާމްގެ ވަކިވުމަށްފަހު ހިނގި އަރައިރުންވުންތަކުގައި މައިލީ ބުނެފައި ވަނީ، ލިއާމް އަކީ އަބަދު މަސްތުވާތަކެތި ބޭނުންކުރަމުންދާ، އެކަމަށް ދެވިހިފާފައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް ލިއާމް ބުނެފައި ވަނީ މައިލީއަކީ އުޅުމެއް ނެތް އަންހެނެއް ކަމަށެވެ.

މައިލީ އާއި ލިއާމް އެންގޭޖްވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އަހަރެއް ނުވަނީސްވެސް މި ދެތަރިންގެ މެދުގައި މައްސަލަ ޖެހި އެ އެންގޭޖްމަންޓު އުވާލިއެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފެންނާން ފެށީ 2015 ވަނަ އަހަރުއެވެ. އެއާއެކު އެ އަހަރު އަލުން އެމީހުން އެންގޭޖްވިއެވެ. މައިލީ އާއި ލިއާމް ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.