މިއަހަރު ކުރީ ކޮޅު ފިލިޕީންސްގެ ވެރިރަށް މަނީލާގެ 700 ފޫޓުގެ ޓަވަރަކަށް އެއްވެސް ރައްކާތެރިކަމެއް ނެތި ޖެހިލުންކުޑަ ގޮތަކަށް އެރުމުން ހައްޔަރު ކުރި ފްރާންސްގެ "ސްޕައިޑަރ މޭން" ހޮންގް ކޮންގް ގެ އުސް އިމާރާތަކަށް އަރައިފިއެވެ.

ފްރާންސްގެ "ސްޕައިޑަރ މޭން"ގެ ގޮތުގައި މަޤުބޫލުކަން ހޯދާފައިވާ، އުމުރުން 56 އަހަރުގެ އެލެން ރޮބާޓް ހޮންގް ކޮންގްގެ 68 ބުރީގެ އުސް އިމާރާތަކަަށް އެއްވެސް ރައްކާތެރި ކަމެއް ނެތި އެރީ، މިހާރު ހޮންގްކޮންގް ގައި ކުރިޔަށްދާ ބޮޑެތި މުޒާހަރާތަކާއި ގުޅިގެން ސުލްހަވެރިވުމަށް އެދި ލިޔެފައިވާ ލިޔުންތަކެއް ހިމެނޭ ބެނާއެއް، އެ އިމާރާތުގައި ހަރު ކުރުމަށެވެ.

"އަހަރެން އެދެނީ ހޮންގްކޮންގް ގެ ރައްޔިތުން ސުލްހަވެރިވުމަށް ސަރުކާރާއި ދެކޮޅުވެރިނުވުމަށް،" ރޮބާޓް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުންޏެވެ.

ކުރިން އެއްވެސް ޖެހިލުމެއް ނެތި އުސް އިމާރާތްތަކަށް އަރާ ރޮބާޓް ހޮންގް ކޮންގްގެ މި އުސް އިމާރާތަށް ވެސް އެރީ އަތުގައި ލައްވާފައިހުރި އަންގި ފިޔަވައި އެހެން އެއްވެސް ސޭފްޓީ ގިޔަރަކާއި ނުލައެވެ.

މީސް މީޑިޔާގައި އެތައް ބަޔަކު އޭނާ މި ޓަވަރަށް އަރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައިވާއިރު، މިކަން ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ހޮންގްކޮންގްގެ އުސް އިމާރާތަކަށް ރޮބާޓް އެރީ، ސުލްޙަވެރިކަން އިސްކުރުމަށް މުޒާހަރާގެ ރައްޔިތުންނަށް ގޮވާލަމުން ކަމުގައި ވީނަމަވެސް، އޭނާގެ މަގްސަދާއި ދެކޮޅު ކަމަށް އެވަގުތު އެ ސަރަޙައްދުގައި އެއްވެ ތިބި ގިނަ ބަޔަކު ބުނެފައި ވެއެވެ.

އުސް ތަންތަނަށް އެރުމުގެ ދުނިޔޭގެ ރެކޯޑުވެސް ހޯދާފައިވާ ރޮބާޓް މީގެ ކުރިން ވަނީ 20 ހަފްތާގެ ޖަލު ހުކުމަކާއި ދެ އަހަރުގެ ސަސްޕެންޝަނެއް ވެސް ދީފައެވެ. އަދި 5500 ޕައުންޑުން އޭނާ ވަނީ މީގެ ކުރިން ޖޫރިމަނާވެސް ކޮށްފައެވެ.

ރޮބާޓް ބުނީ އޭނާގެ އަމާޒަކީ ކޮންމެ އުސް އިމާރާތެއްގެ އެންމެ އުހަށް އެރުމަށް ކަމަށާއި އަދި އެއްވެސް ގެއްލުމެއް ނުލިބި ފުރާނައަށް ނުރައްކަލެއް ދިމާނުވެ އިމާރާތްތަކުގެ އެންމެ މައްޗަށް އެރުމަށް ކަމަށެވެ. ރޮބާޓް ވަނީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރަތް ބުރުޖު ހަލީފާ އަދި ފްރާންސްގެ އައިފެލް ޓަވަރ، ނިއުޔޯކުގެ އެމްޕަޔަރ ސްޓޭޓް ބިލްޑިން ފަދަ އުސް އިމާރާތްތަކަށްވެސް މީގެ ކުރިން އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްކިންޓޯޓޯސޮނިފުހޭ

    ހާދަ ނުރައްކަލެ

  2. Anonymous

    ވެއްޓުނީމަ ހުންނާނީ އުސްތަންތަނައް އެރިފަ

  3. Anonymous

    ވެއްޓުނީމަ ހުންނާނީ އުސްތަންތަނައް އެރިފަ ރީތިކޮން