ޑިޒްނީ އިން ޖޫން މަހުގެ ތެރޭގައި ރިލީޒްކުރި އެނިމޭޓެޑް ފިލްމް "ޓޯއި ސްޓޯރީ 4" ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ އާއެކު އިތުރުވެއްޖެއެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެމުން އަންނަ މި ފިލްމް ޖޫން މަހުގެ 21 ގައި ރިލީޒްކޮށްފައިވާ އިރު، ހުކުރު ދުވަހާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.002 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

"ޓޯއި ސްޓޯރީ 4" އަކީ މި ސިލްސިލާ ފިލްމްގެ ހަތަރުވަނަ ފިލުމެވެ. މި ފިލް ފިޔަވައި "ޓޯއި ސްޓޯރީ" ގެ އެހެން ފިލްމެއްވެސް ވަނީ ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދާފައެވެ. އެއީ 2010 ވަނަ އަހަރު ރިލީޒްކުރި "ޓޯއި ސްޓޯރީ 3" އެވެ، އެ ފިލްމަށް 1.067 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ލިބިފައެވެ.

"ޓޯއީ ސްޓޯރީ-4" ޑައިރެކްޓް ކޮށްފައިވަނީ ޖޯޝް ކޫލީ އެވެ. މިފިލްމް ހަދަން ހޭދަކޮށްފައިވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މި ފިލްމުވެގެން ގޮސްފައި ވަނީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަހަނަޅައި ދިޔަ ޑިޒްނީގެ ފަސް ވަނަ ފިލްމަށެވެ.

އެ ލިސްޓްގައި ދެން ހިމެނެނީ "އެވެންޖާޒް އެެންޑްގޭމް" އާއި "އަލައްދިން" އާއި "ލަޔަން ކިންގް" ގެ އިތުރުން "ކެޕްޓަން މާވެލް" އެވެ. މިއާ އެކު ޑިޒްނީވެފައި ވަނީ އެއް އަހަރެއްގެ ތެރޭގައި ފަސް ފިލްމަކުން މިހާތަނަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ސްޓޫޑިއޯއަށެވެ.

"މެލަފިސަންޓް 2" އާއި "ފްރޯޒެން 2" ގެ އިތުރުން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ މިއަހަރު ޑިޒްނީން ގެނެސް ދޭން ހުރި ފިލްމުތަކެވެ. އަދި މި ފިލްމުތަށްވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމުތަކެއް ކަމަށް ބެލެވެއެވެ.