ކައިލީ ޖެނާގެ ވާހަކަތަކަކީ އަބަދުވެސް އެތައް ބައެއްގެ ސަމާލުކަން ލިބޭނެ ވާހަކަތަކެކެވެ. އޭނާގެ ކުރާ ހުރިހާ ކަމެއް ބަލާ މީހުންވެސް މަދެއް ނޫނެވެ. ކައިލީ ޖެނާގެ ޕްރޮޑަކްޓްތަކަށްވެސް އެތައް ބަޔަކު ހާއްސަކަމެއް ދޭއިރު، އޭނާގެ މުއްސަނދި ކަމަކީ މިހާރު އެތައް ބަޔަކު ދައްކާ ވާހަކައެކެވެ. ކައިލީގެ ކާރު ކަލެކްޝަނުގެ އިތުރުން އޭނާގެ ބޮޑެތި ގެތަކުގެ ވާހަކަވެސް މީޑިއާގައި ދެކެވޭއިރު، އޭނާއަކީ ޒުވާން ބިލިއަނަރެކެވެ.

ނޫސްތައް ބުނާ ގޮތުން އުމުރުން 22 އަހަރުގެ ކައިލީއަކީ އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި އެންމެ ހަގު މީހާއެވެ. އެ ޝަރަފާއެކު އޭނާގެ 22 ވަނަ އުފަސްދުވަސް ފާހަގަކުރަން ވިސްނީ މުޅި ޔޫރަޕްގައެވެ. އޭނާ ޔޫރަޕްގައި ދަތުރުކުރަމުންދަނީ އެންމެ ގާތް އެކުވެރިޔާ އެނެސްތޭޝިއާ ކަރަނިކޮލޯވްއާއެކުއެވެ.

ކައިލީ 250 މިލިއަން ޑޮލަރުގެ ޔޮޓެއްގައި ދަތުރުކުރަމުންދާއިރު، އޭނާގެ ކޮންމެ މަންޒިލަކީވެސް އިތުރު ފައިސާތަކެއް ހޯދޭނެ މަންޒިލަކަށް ދަނީ ހަދަމުންނެވެ. އެގޮތުން އޭނާއާއެކު ހާއްސަ މޭކަޕް ޓީމެއްވެސް ދަތުރު ކޮށްފައިވާއިރު، ހާއްސަ ލޮކޭޝަންތަކުގައި ފޮޓޯ ނަގާ، އެކިއެކި ޕްރޮޑަކްޓްތައް އިޝްތިހާރުވެސް ކުރަމުންދެއެވެ.

ކައިލީގެ އުފަން ދުވަހުގެ ޕާޓީތައްވެސް ޔޮޓްގައި ބާއްވާފައިވާއިރު، އޭނާގެ އާއިލާވެސް ވީޑިއޯތަކުން ފެނިފައިވެއެވެ.