އިންސާނުން އެންމެ ގިނައިން ގެންގުޅޭ ނުވަތަ ގެންގުޅޭ ހިތްވާ ޖަނަވާރަކީ ބުޅަލެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ބުޅަލަށް އެލާޖިކް ވުމުގެ ސަބަބުން ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހެއެވެ.

މިފަހަރު ތައާރަފް ކޮށްފައިވަނީ އެފަދަ ފަރާތްތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން ވެކްސިނެކެވެ. "ހައިޕޯކެޓް"ގެ ނަން ދީފައިވާ މި ވެކްސިން އުފައްދާފައިވާ ސުވިޓްޒާލަންޑްގެ ކުންފުންޏަކުންނެވެ.

މި ވެކްސިން ފަރުމާކޮށްފައިވަނީ ބުޅަލުގެ އެލާޖީ އެންމެ އާންމުކޮށް މެދުވެރި ކުރުވާ "ފީލްޑީ1" އަށް ބުޅާތައް ދިފާއުކޮށްގެންނެވެ.

ޖާނަލް އޮފް އެލާޖީ އެންޑް ކްލިނިކަލް އިމިއުނޮލޮޖީގައި ބުނެފައި ވަނީ ބުޅަލުގެ ސަބަބުން އެލާޖިކްވާ ގިނަ މީހުންނަކީ ބުޅަލުގެ ހަންގަނޑުން ފޮޅިގެން ނެއްޓޭ ހަންކޮޅުގެ ސަބަބުން އެލާޖިކްވާ މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން މި ވެކްސިންގެ ސަބަބުން މި ފަރާތްތަކަށް އެލާޖިކް އަކާއި ކުރިމަށްޗެއް ނުވާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ބުޅަލުގެ ފަރާތުން އިންސާނުންނަށް އެންމެ ގިނައިން އެލާޖިކްވާ އެލާޖެން ކަމަށްވާ "ފީލްޑީ1" އަށް ވެކްސިން ދިނުމުން ބުޅަލުގެ ހަށިގަނޑުން އެ އެލާޖެން އުފައްދާ ވަރު މަދުވާކަމަށް ސާބުތިވެފައިވެއެވެ.

މި ވެކްސިން ފަރުމާކޮށްފައިވަނީ ސިރިންޖް އަކުން ބުޅަލުގެ ގަޔަށް ޖަހާ ގޮތަށެވެ.

މި ވެކްސިނުގެ ސަބަބުން މިހާތަނަށް ކުރި އެއްވެސް ތަހުލީލަކުން ނުރައްކަލެއް ފާހަގަ ކުރެވިފައިނުވާ ކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ވިދާޅުވެފައެވެ.