"ކޭމްބްރިޖް އެނަލެޓިކާ" ގެ މައްސަލައިގައި ފޭސްބުކް އޮތީ މައްސަލަ ގަނޑެއްގެ ތެރޭގައެވެ. ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް ގެންދަނީ ދިމާވެފައިވާ މައްސަލަ އިން ސަލާމަތްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ހެދުނު ގޯސް ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށްޓަކައި މީޑިއާތަކަށް ތަފާތު އިންޓަވިއުތައް ވެސް އޭނާ ގެންދަނީ ދެމުންނެވެ.

ނަމަވެސް މިއަދު "ވޮކްސް" އަށް ދިން އިންޓަވިއުގައި ޒުކަބާގް ވަނީ އެޕަލްގެ ސީއީއޯ ޓިމް ކުކް މިދިޔަ ހަފްތާގައި ދެއްކި ވާހަކަތަކަށް ރައްދުދީ އޭނާ އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. ޓިމް ކުކް ފޭސްބުކަށް ފާޑުކިޔުމާއި އަދި އެފާޑުކިޔުމަށް ޒުކަބާގް ރައްދު ދިނުމާއި އެކު މީޑިއާ އިން އެކަން ސިފަކޮށްފައި ވަނީ ދެކުންފުނީގެ ވެރިން ފެށި "ބަހުގެ ހަމަލާތައް ދިނުމުގެ ހަނގުރާމައެއްގެ" ގޮތުގައެވެ.

ފޭކް ނިއުސް ނުވަތަ ދޮގު ޚަބަރު ފޭސްބުކް މެދުވެރިކޮށް ފަތުރާ މައްސަލައިގައި ވާހަކަދައްކަމުން ޓިމް ކުކް މިދިޔަ ހަފްތާގައި ބުނެފައި ވަނީ ފޭސްބުކް އިން ގެންދަނީ ދޮގު ޚަބަރުތައް ހުންނަ ލިންކްތައް ގިނަ މީހުންނަށް ފެންނަ ގޮތް ހަދައިގެން އާންމުދަނީ އިތުރު ކުރަމުން ކަމަށެވެ. ނަމަވެސް އެއީ އެޕަލް އިން ކުރާނެ ކަމެއް ނޫން ކަމަށް ޓިމް ކުކް ބުންޏެވެ.

"ފޭސްބުކް އިން ކުރާ ކަމަކީ ދޮގު ޚަބަރު ހުންނަ ލިންކްތަކަށް ގިނަ މީހުން ވައްދައިގެން އާންމުދަނީ އިތުރު ކުރަމުން. އެއީ ކުންފުނި ހިންގާ ގޮތެއް ނޫން. އެފަދަ ކަމެއް އެޕަލް އިން ނުކުރާނެ." ޓިމް ކުކް ބުންޏެވެ.

ޓިމް ކުކް އަށް ރައްދު ދެމުން ޒުކަބާގް ބުނީ ފޭސްބުކް އިން ގިނަ ފައިސާ ލިބޭ ލިންކްތައް ގިނަ މީހުންނަށް ނުދައްކާ ކަމަށެވެ. ގިނައިން މީހުންނަށް ފެންނާނީ އެމީހުން ގިނައިން ވަންނަ ޒާތުގެ ލިންކްތައް ކަމަށާއި އެއީ އެމީހެއްގެ ޝައުގުވެރިކަން ބަލަން ގެންގުޅޭ އަލްގްރިދަމްއެއް ބޭނުން ކޮށްގެން ކުރާ ކަމެއް ކަމަށެވެ.

"ކަން ކުރާ ގޮތް ނޭނގޭނަމަ އެކަމުގެ ވާހަކަ ދެއްކުން އެއީ ރަނގަޅު ކަމެއް ނޫން. އެއީ އެއްވެސް މީހަކު ކޮށްގެން ވެސް ވާނެ ކަމެއް ނޫން." ޓިމް ކުކް އަށް ރައްދު ދެމުން ޒުކަބާގް ބުންޏެވެ.

ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ގެންދަނީ ޒުކަބާގްގެ ވާހަކަތަކަށް ޓިމް ކުކް ދޭނެ ރައްދަކަށެވެ.