އިނގިރޭސިވިލާތުގެ ތަހުތާއި ފަސް ވަނަ އަށް އެންމެ ކައިރީގައި ހުންނެވި ޕްރިންސް ހެރީ އާއި އޭނާގެ ލޯބިވެރިޔާ މެގަން މާކެލްގެ ކައިވެނި އަންނަ މަހުގެ 19 ދުވަހު ކުރެވިގެން ދާއިރު މުޅި ދުނިޔެ ދަނީ އެކައިވެންޏަށް ތައްޔާރުވަމުންނެވެ.

އިނގިރޭސި ޝާހީ އާއިލާ އަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު ހޭދައެއް ކުރަމުންދާ މައްސަލައަކީ އެގައުމުައި ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވެފައިވާ މައްސަލައެކެވެ. މިފާޑުކިޔުންތަކުގެ ތެރެއިން ޕްރިންސް ހެރީގެ ކައިވެނި ކުރަން ތައްޔާރުވަމުން އަންނައިރު ޕްރިންސްގެ ހެރީގެ ކައިވެންޏަށް ރައްޔިތުންގެ ފައިސާ އިން ޚަރަދު ނުކުރުމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސް ހެރީ އާއި މާކެލްގެ ކައިވެންޏަށް އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފައިސާ އިން 44.9 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 691 މިލިއަން ދިވެހި ރުފިޔާއެވެ.

މިއީ ޕްރިންސް ވިލިއަމްގެ ކައިވެންޏަށް ޚަރަދު ކުރިވަރަށް ވުރެ ވެސް 20 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސް ހެރީ އާއި މާކެލްގެ ކައިވެނީގެ ހަފްލާއަކީ ދުނިޔޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު 10 ކައިވެނީގެ ހަފްލާގެ ތެރޭގައި ވެސް ހިމެނޭނެ ކައިވެނީގެ ހަފްލާއެކެވެ.

ޕްރިންސްގެ ހެރީގެ ކައިވެނީގެ ހަފްލާގައި އެންމެ ބޮޑު ހޭދައެއް ކުރާނީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށެވެ. ކައިވެނި ޕާޓީގައި ކެއުމަށް ބޭނުންކުރާ ރިހި ތަށިތަކަށް ވެސް 125000 އެމެރިކާ ޑޮލަރު ޚަރަދު ކުރާ ކަމަށް ވެއެވެ. ޕާޓީގައި ތަފާތު ބުއިންތައް އެޅުމަށް ބޭނުންކުރާ ބިއްލޫރިތަށިތަކަށް 420000 އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ. މީގެ އިތުރުން ކައިވެނި ޕާޓީގެ ކޭކަށް 70000 އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ. ކައިވެނި ޕާޓީގައި މާ އެތުރުމަށް ދޮޅުލައްކަ ޑޮލަރު ޚަރަދު ކުރާނެއެވެ. ޕާޓީއަށް އަންނަ މީހުން ކެއުމަށް ތައްޔާރުކުރާ ސޮސެޖްރޯލާއި ސަޔަށް ވެސް 36000 އެމެރިިކާ ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިންސް ހެރީ އާއި މާކެލްގެ ކައިވެނީގެ ހެދުމަށް ޚަރަދު ކުރާ ވަރެއް އަދި މީޑިއާ އަކަށް ވެސް ކަށަވަރެއް ނުވެއެވެ.

ކައިވެނި ޕާޓީގެ އެއްވެސް ޚަރަދެއްގެ ތަފްސީލް ޝާހީ އާއިލާއަކުން ހާމައެއް ނުކުރެއެވެ. މިހާތަނަށް އެނގިފައިވާ ޚަރަދުތަކަކީ ނަން ހާމަކުރަން ބޭނުން ނުވާ އެކި ފަރާތްތަކުން މީޑިއާ އާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ޚަރަދުތަކެވެ. އެހެންކަމުން ލަފާކުރެވެނީ މިޚަރަދު ހަޤީޤަތުގައި އަދި މިއަށް ވުރެ އެތައް ގުނައެއް ބޮޑު ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އހ

    ދޮގު ޙަބަރު ނުފަތުރާށޭ... ކުރީދުވަހު ހުތުބާގަވެސް ގޮވާލިއެއްނު..

  2. ހުއްބުލް ވަތަން

    ނަޝީދު މި އިސްރާފު ވާހަކަ ދައްކަބަލަ ރާނީ ކައިރީގައި،