އެއް ފަހަރާ ތިންފަށް ވަރި ކުރުން ނުވަތަ 'ޓްރިޕްލް ތަލާގް' އިންޑިއާގައި ބޮޑު ޖިނާއި ކުށަކަށް ހަދާފައިވަނިކޮށް، ފިރިހެނަކު އޭނާގެ އަނބިމީހާ ތިން ފަށް ވަރިން ވަރިކުރި މައްސަލަ ފުލުހަށް ހުށަހެޅުމާއި، ގުޅިގެން އެ އަންހެން މީހާ ދިރިހުއްޓާ އަންދާލައިފިއެވެ.

އެ އަންހެން މީހާ ދިރިހުއްޓާ އަންދާލާފައި ވަނީ ފިރިހެން މީހާގެ އާއިލާއިންނެވެ. އޭނާ މަރާލަފައި ވަނީ ފަސް އަހަރުގެ ދަރިފުޅުގެ ކުރިމަތީގައެވެ.

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި މިިދިޔަ ހުކުރު ދުވަހު މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާގެ ބައްޕަ ބުނީ، އޭނާގެ ދަރިފުޅުގެ ފިރިމީހާ ތިން ފަށް ވަރިން ވަރިކޮށްފައި ވަނީ ފޯނުން ގުޅައިގެން ކަމަށެވެ.

އެ މައްސަލަ އެ އަންހެން މީހާ ފުލުހަށް ހުށަހަޅަން ދިއުމުން، އެ މައްސަލަ ބެލޭނީ ފިރިމީހާ އައުމުން ކަމަށް ފުލުހުން ބުނި ކަމަށް ރިޕޯޓްތަކުގައި ވެއެވެ. އެ ފިރިހެން މީހާ އައުމުން ދެ މީހުން ފުލުހަށް ދިޔައިރު، ފުލުހުން އެދުނީ އެ އަންހެން މީހާ ފިރިމީހާއެކު މަޑު ކުރުމަށެވެ.

އެ އަންހެން މީހާގެ ދަރިފުޅު ބުނިގޮތުގައި، މަންމަ ގަޔަށް ސާފް ތެޔޮ އެޅީ ބޮޑުދައިތަ އެވެ. އޭނާ ބުނީ، ބައްޕަ ނަމާދުން އައިސް މަންމަ ކައިރީގައި ގެއިން ނުކުމެގެން ދިއުމަށް އެންގި ކަމަށެވެ. އަދި ދެ މީހުން ޒުވާބުވެސް ކުރި ކަމަށާއި، އެތަނަށް ބައްޕަގެ އާއިލާގެ މީހުންވެސް އައި ކަމަށެވެ.

އަދި އެ މީހުން މަންމައަށް އަނިޔާކޮށް މަންމަގެ ގަޔަށް ސާފްތެޔޮ އަޅާފައި، މަންމަގެ ގައިގާ އަލިފާން ޖެހީ ކާފަ ކަމަށް އަންހެން މީހާގެ ދަރިފުޅު ބުންޏެވެ.

އެކަން ހިނގުމުން، އަންހެން މީހާގެ ދަރިފުޅު ވަގުތުން އަވައްޓެރިއެއްގެ ގެއަށް ގޮސް ކަންވީގޮތް ކިޔާދިނެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ.

ފުލުހުން ވަނީ އެ އަންހެން މީހާގެ އޮޓޮޕްސީ ހަދާފައެވެ. އަދި އެ މައްސަލަ ފުުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޯހޯ

    ާމިއީ މިއަދުގެ ނަމޫނާއަކަށް ބަލާގެން މިގައުމު ކަންކަން އަންނި އެޖެންޑާއިން ކުރިއަށް ގެންދާން އުޅޭ މީހުންގެ ހާލަތު ކޮންފަދަ ނުބައި ބައެއް މި މީހުންބަކީ، އެންމެ ޖާހިލިއްޔަ ޒަމާނަށް ވެއްޓިފަވާ ބައެއް އިންޑިޔާ މީހުންނަކީ މިހާރު މިފަދަބައެް ނަމޫނާއަކަށްބަލަން ހެޔޮވެސް ނުވާނެ.

    11
    1
  2. ކަހަނބު ވިތްޓޯ ޓޯ

    މީ އިންޑިއާ

  3. މަކިނބޫ

    އަހަރެމެން ދިވެހީން ހެޔޮ ނުވާނެ މިމީހުން ކުޅޭ ޑްރާމާ ފިލްމު އެއްޗެސް ބަލަން ވެސް. މިމީހުން ޑްރާމާ ކުޅުނަސް ފިލްމު ކުޅުނަސް މިއަށް ވުރެން ނުބައި ޖާހިލިއްޔަ ވެރި ބަޔަކު ނުތިބޭނެ. ކޮންމެ އެއްޗެއް ކުޅެގެން ދުނިޔޭގެ ސަމާލު ކަން ހޯދިޔަސް މިއީ ހަމަ އަނިޔާވެރިކަމުގެ ހައްދު ފަހަނަ އަޅައިގޮސް ތިބި އިންޑިޔާއިންތަކެއް. އަހަރެން މިހާރު ބޮލީ ވުޑް މަތިން ވައި ވެއްޖެ ސަލާމް.

    2
    1