މީގެ އަހަރެއް ކުރިން މަރުވި އިންޑިއާގެ ކުރީގެ މަޝްހޫރު އަންހެން ސުޕަސްޓާ ސްރީދޭވީގެ ވާހަކަ ކިޔައިދޭ ފޮތެއް “ސްރީދޭވީ ގާލް ވުމަން ސުޕަސްޓާ” ގެ ނަމުގައި ގެނެސް ދޭން ނިންމައި އޭގެ ކަވަރު ލޯންޗްކޮށްފި އެވެ.

ފެބްރުއަރީ 2018 ގައި ކުއްލި ގޮތަކަށް ދުބާއީގައި މަރުވި ސްރީދޭވީގެ ނަމުގައި ޕެންގްއިންއާ ގުޅިގެން ނެރޭ ފޮތް ލިޔަނީ ސަތިއާތު ނަޔެކެވެ.

އަންގާރަ ދުވަހު ފާހަގަކުރި ސްރީދޭވީގެ 56 ވަނަ އުފަން ދުވަހާ ދިމާކޮށް ފޮތުގެ ކަވަރު ލޯންޗްކޮށްދިނީ މަޝްހޫރު ބަތަލާ ވިދިޔާ ބާލަން އެވެ. އޭނާ ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ކަވަރު ވެސް ހިއްސާކޮށްފަ އެވެ.

“ސްރީދޭވީ ގާލް ވުމަން ސުޕަސްޓާ” އަކީ ސްރީދޭވީގެ ހުވަފަތް ފިރިމީހާ ބޯނީ ކަޕޫރްގެ ހުއްދަ ލިބިގެން ނެރޭ ފޮތެކެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި 50 އަހަރު ހޭދަކޮށްފައިވާ ސްރީ ދޭވީ މަރުވިއިރު، އޭނާ ވަނީ 300 އެއްހާ ފިލްމް ކުޅެފައެވެ. ސްރީދޭވީ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ސްރީ ދޭވީ މަރުވީ 24 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދުބާއީގައި އޮތް ކައިވެނީގެ ހަފްލާއަކަށްގޮސް ހުއްޓައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދައްކާފައި ވަނީ އޭނާ މަރުވީ އަމިއްލަ ބިލިގާއެއްގެ ތެރޭގައި ގެނބިގެން ކަމަށެެވެ.