ކޮންމެ މީހެއްވެސް އެމީހުންގެ ވާހަކަތައް ހިއްސާ ކުރާ ރަހުމަތްތެރިޔަކު ހުންނާނެއެވެ. މިއީ ރަނގަޅު ކަމެއް ނަމަވެސް، މީހަކާއި އެއްކޮށް ލޯބީގެ ގުޅުމެއް ފަށާ ހިސާބުން ދެމީހުން ދޭތެރޭގައި ވާ ހުރިހާ ކަމެއް ރައްޓެހިންނަށް ކިޔައިދީ، ކުރަންވީ ކަންތައް އެމީހުން ކައިރީ އަހައި އުޅޭ ދިވެހީން އަހަރެމެންގެ ތެރޭގައި ވަރަށް ގިނައެވެ.

މިއީ އާއްމު ކަމެއް ނަމަވެސް، މިހެން ކަންތައް ކުރުމުން ތިމާ ކިތަންމެ ލޯބިވާ މީހެއް ނަމަވެސް، ރައްޓެހިންގެ ނުފޫޒުން އެމީހަކާއި ދުރުވާން ޖެހެއެވެ. ދާދި ފަހުން އެމެރިކާގައި ހަދާފައިވާ ދިރާސާ އަކުން ދައްކާ ގޮތުން އެކި ސަބަބު ތަކާއި ހުރެ ރައްޓެހިން ނުގަބޫލު ވެގެން ލޯބީގެ ގުޅުން ކަނޑާލާ އަންހެނުން ވަރަށް ގިނައެވެ. މިގޮތަށް ކަންތައް ކުރަނީ އާއްމު ގޮތެއްގައި އަންހެނުންނެވެ. އެ ދިރާސާ އިން ހާމަވާ ގޮތުގައި ކަމެއްގެ ވާހަކަ ރަހުމަތްތެރިޔާ ގާތުގައި ހިއްސާ ކުރުމުން، އަޑު އެހުމުގެ ބަދަލުގައި ރަހުމަތްތެރިޔާ ދެން ބުނާނީ ހަދަންވީ ގޮތުގެ ވާހަކައެވެ.

މިހެން ވާނަމަ ތިމާގެ ލޯބިވެރިޔާ އެ އުޅެނީ ހަމައެކަނި ތިމާ އާއި އެއްކޮށެއް ނޫނެވެ. ރަހުމަތްތެރިނާއި ވެސް ލޯބީގެ ގޮތުން ގުޅިގެންނެވެ. އެއީ އެމީހުންނާއި އެފަދަ ގުޅުމެއް އަސްލު ގޮތެއްގައި ނުބޭއްވިއަސް، ތި ދެމީހުން ދޭތެރޭ ވާ ހުރިހާ ކަމެއްގައި ރަހުމަތްތެރިޔާ ގޮތް ނިންމާނަމަ، އޭނާ ވެސް ތި ރިލޭޝަންގެ ބަޔަކަށް ވާނެތީއެވެ.

ހެޔޮ އެދޭ މީހެއްނަމަ ކަމެއްގެ ވާހަކަ ހިއްސާ ކުރުމުން އަޑު އަހާނީ އެވެ. ތިއީ އަމިއްލަ އަށް ގޮތެއް ނިންމޭ ވަރުގެ ކުޑަ ކުއްޖެއް ކަމުގައި ވަނީނަމަ، އެހެން މީހުން ކައިރީ ހަދަން ވީ ގޮތް އަބަދު އަހާށެވެ. އެކަމަކު ހެޔޮ ވިސްނޭ ވަރުގެ ބޮޑު މީހެއްނަމަ އެފަދަ ކަންތައް ކުރުން ހުއްޓާލާށެވެ. ތިމާ މީހަކާއި އިނދެގެން އުޅޭ އިރުވެސް ވާ ހުރިހާ ކަމެއްގެ ވާހަކަ ރަހުމަތްތެރިންނަށް ކިޔާދޭނަން ހެއްޔެވެ؟ ކިޔައިދޭން ވިސްނާނަމަ، ކައިވެންޏެއް ކުރުން މަޑުޖައްސާލުން ބުއްދިވެރި ވާނެއެވެ.