ރާއްޖޭގެ ރީތިކަން ބަލައިލުމަށްޓަކައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައިވަރު ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. ބައެއް މީހުން ރާއްޖޭގައި ދިމާވާ ކަންކަމުގެ ސަބަބުން ހިތްހަމަނުޖެހި ތިބެ ގައުމު ދޫކޮށްލާ އިރުގައި، އަނެއް ބަޔަކު ރާއްޖެ އިން ފުރައިގެން ދަނީ އުފަލުން ފޮޅިފައި ހުރެ، އެނބުރި އަންނަން ނިންމައިގެންނެވެ.

ގުއި ޗުންމެއި އަކީ މިދިޔަ މަސް ތެރޭ ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުވެރިއެކެވެ. ނަމަވެސް، ޗައިނާގެ ޝަންހާއީ އިން މާލެ އައި ފްލައިޓުގެ ތެރެއަށް ޗުންމެއިގެ ޕާސްޕޯޓު ވަނީ ގެއްލިފައެވެ. މިކަމުގެ ސަބަބުން ފަސޭހަ ކަމާއި އެކު ރާއްޖެ ދޫކޮށްލަން ދަތިވި ކަމަށް އޭނާ ބުނިއެވެ. ނަމަވެސް، ޓޫރިސްޓު ޕޮލިހަށް ޗުންމެއި މި މައްސަލަ ހުށަހެޅުމުން ދެން ކަންތައް ވި ގޮތަކީ މުޅި ރާއްޖެ އަށް ވެސް ލިބުނު ރީތި ނަމެކެވެ.

ޖުލައި 17ވަނަ ދުވަހު ޗުންމެއި އެ މައްސަލަ ޖެއްސުމުން މައްސަލަ ބެލި އޮފިސަރު ކަމުގައިވާ ސާޖެންޓް އިސްމާއިލް ޝިފާޒް ވަނީ ކަންތައް ވީ ގޮތް އޮޅުން ފިލުވައި، ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ކަމަށް ޗުންމެއި ކައިރީ ބުނެފައެވެ. އަދި ހަމަ އެދުވަހު ޝިފާޒް ވަނީ ޗުންމެއިގެ ޕާސްޕޯޓް ނެތުމުން، ވީހައިވެސް އަވަހަށް އޭނާ އަށް ރަސްމީ ލިޔެކިއުމެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ. އޭގެ އަނެއް ދުވަހު ޝިފާޒް ވަނީ ޗުންމެއި އާއި އޭނާގެ އާއިލާ ގޮވައިގެން ޓްރެވަލް ޕާމިޓެއް ހޯދުމަށްޓަކައި ޗައިނީސް އެމްބަސީ އަށް ގޮސްފައެވެ. އަދި އިމިގްރޭޝަން ކަންކަމުގައިވެސް ޝިފާޒް ވަނީ ޗުންމެއި އަށް ވަރަށް ބޮޑަށް އެހީތެރިވެފައެވެ.

މި ހުރިހާ ކަމެއް ޝިފާޒް ކޮށްދިން އިރު، ޗުންމެއި މިވަނީ ޝިފާޒް ކޮށްދިން މަސައްކަތް ތަކުގެ އަގު ވަޒަންކޮށް، ދިވެހި ފުލުހުންނަށް ސިޓީ އެއް ލިޔެފައެވެ. އެ ސިޓީގައި ޝިފާޒް އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި ވާއިރު، ޗުންމެއި ބުނެފައި ވަނީ އޭނާ ގަބޫލު ކުރާ ގޮތުން އެ ދެ ދުވަހު ޝިފާޒް އޭނާ އަށް އެހީތެރިވީ އޭނާގެ އަމިއްލަ ހުސް ވަގުތުތައްވެސް ނަގާލުމަށް ފަހުއެވެ.

" މި ދެ ދުވަހު ޝިފާޒް ވަނީ އޭނާގެ ހުސް ވަގުތުތައްވެސް އަހަރެންގެ ކަންކަމުގައި ނަގާލާއި، އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކޮށްދީފައި. އަހަންނަށް ދިވެހި ބަސް ނޭނގުނު ކަމުގައި ވިޔަސް، ޝިފާޒްގެ ހިތްހެޔޮކަން އިހްސާސް ކުރެވުނު. ރާއްޖޭގެ ރީތިކަމަށް ވުރެންވެސް އަހަންނަށް ބޮޑަށް އަޅައިގަތީ އޭނާގެ ހިތްހެޔޮކަން" ޗުންމެއި ލިޔުނު ސިޓީގައި ބުނެފައި ވެއެވެ.

ޝިފާޒްގެ އިތުރުން މި ކަންތައް ކޮށްދިނުމުގައި އަންހެން ފުލުހަކުވެސް އެހީތެރިވެފައި ވާކަމަށް ޗުންމެއި ބުނެއެވެ. ނަމަވެސް، ވަގުތު ކުޑަތަން ވެފައި އޮތުމުން އެ ފުލުސް އޮފިސަރުގެ ނަން ޗުންމެއި އަށް ވަނީ ނޯޓު ނުކުރެވިފައެވެ.

 

މިފަދަ ފުލުހުންގެ ސަބަބުން އަހަރެމެން ދިވެހީންވެސް ފުލުހުންނަށް ކުރާ އިތުބާރު ބޮޑުވެގެން ދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންވެސް އެ ދަނީ ސާފު ހިތަކައިގެންނެވެ. ހަމަ ގައިމުވެސް އެމީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވާނެ ކަމާއި މެދު ޝައްކެއް ނެތެވެ. ޗުންމެއި އޭނާގެ ޝުކުރުތައް މި ދެ ފުލުހުންނަށް އަދާ ކުރާ އިރު، މިއީ މުޅި ރާއްޖެ އަށްވެސް ލިބިގެންދާ ރީތި ނަމެކެވެ. ޗައިނާގައި އުޅޭ ޗުންމެއިގެ އާއިލާ އާއި ރަހުމަތްތެރިން ގާތު މިވާހަކަ ހިއްސާ ކުރުމުން އެމީހުންވެސް ރާއްޖެ އަންނަން ބޭނުންވާނެއެވެ.

މިފަދަ ރީތި ނަމެއް ރާއްޖެ އަށް ހޯދައި ދިނުމުން ސާޖެންޓް ޝިފާޒް އާއި މިކަމުގައި ދެން ބައިވެރިވި އަންހެން ފުލުހަށްވެސް ފަށްފަށުން ތައުރީފް ހައްގެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފަރޫ

  ހެޔޮ ކަމެއްގެ ބަދަލު ހެޔޮ ކަމަކުން ދީފިއެވެ.
  އުފަލުގެ ކޮޅެއްނެތެވެ.
  ކިޔާލާހިތުން ކިޔާލި ޙަބަރެކެވެ، ދިރުންހުރި ޙަބަރެކެވެ.

  81
  1
 2. ދިވެހި

  މުސްލިމު ދިވެއްސަކު ނުކުރާނެ ކަހަލަ ހެޔޮކަމެއް ކޮށްލީތަ؟

  34
  11
 3. ޓިކްޓޮކް

  ބޭރުން މީދަލެއް އަޔަސް ހެޔޮފުޅުވާނެ...

  8
  10
 4. މުޖައްރިބު

  ގުއި ޗުންމެއި، އާ ގުއިތުން އަލިމަނިކާ ތިމަގެކަމެއްވޭބާ؟

  4
  11
 5. މުނާފިގު

  ތަޢްރީފް ކުރަމެވެ..

  15
 6. ޟ

  ތިރާއްޖެ މިހެއްނަމަ އެގުނިހި ތިގޮލައިން ގެ ހެޔޮކަން މައްސަލަޔެ ހުސައެލިޔަސް ނަގާނު 2އަހަރު ތިންއަހަރު ???

  6
  4
 7. ގާރލް 7

  ޝިފާޒްއާ އެއް ބެޗެއްގައި ޓްރެއިނިންގް ހެދި މީހެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުމީ އޭނާއަކީ ވަރަށް މަޑުމައިތިރި އެހާމެ ހިތްހެޔޮ އޯގާތެރި ކުއްޖެއްކަން... މަށަކީ ޓްރެއިނިން ހެދިއިރު ވަރަށް ހާލުގަ އުޅުނު މީހެއް... އޭރު ޝިފާޒް މަށަށް ވެސް އަދި ބެޗްގެ އެހެން މީހުންނަށް ވެސް އެކިއެކި ކަންކަމުގަ ވވވ ހެލްޕް ވި.. ކީޕް އިޓް އަޕް ޑިއަރ... ވީ އާރ ޕްރައުޑް އޮފް ޔޫ...

  14
  1
 8. ފަތިރުވެރިޔާ

  ރާއްޖޭގެ ރީތިކަމަށް ވުރެ ދިވެހި ފުލުހުންގެ ރީތިކަން ކަމުދާ ފަތުރުވެރިން މާގިނަ

  2
  2