ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ޕާކިސްތާނަށް ގޮސް ޝޯވ އެއް ހުށައަޅައި ދިނުމުން އިންޑިއާގެ ރައްޔިތުން ރަތަށް އަރައިފިއެވެ.

ކަޝްމީރުގެ މައްސަލާގައި އިންޑިއާއި ޕާކިސްތާނު ރުޅިގަދަވެ ހަނގުރާމައަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް މީކާ ވަނީ ވަރަށް ފަހުން ޕާކިސްތާނުގައި ޝޯވ އެއް ދީފައެވެ.

މީކާ ޝޯވ ދީފައިވަނީ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝަރަފްގެ އާއިލީ މީހެއްގެ ކައިވެނި ހަފްލާއެއްގައެވެ. މި މައްސަލާގައި މުމްބާއީގައި ހުންނަ މީކާގެ ގެ ކައިރިއަށް އެތަށް ބަޔަކު ވަނީ އެއްވެ ގާ އުކާ އަޑު އުފުލާފައެވެ.

މިކާ ވަނީ މި މައްސަލާގައި މުޅި އިންޑިއާގެ ހުރިހާ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. މިކާ ވަނީ ކުރިއަށް އޮތް ތާގައި އިންޑިއާގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިން ވެސް ވަނީ މީކާއަށް ޓުވިޓާ އަދި ޓީވީ އިންޓަވިއުތަށް މެދުވެރިކޮށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭގެ ތެރޭގައި ސީނަމް ކަޕޫރުވެސް ހިމެނެއެވެ.

މިކާއަކީ ބޮލޯވުޑްގައި އޭނާއާއި ވާފަވެރި އެހެން ފަންނާނުން ވަރަށް ޖެހިލުންވާ ލަވަކިޔުންތެރިއެކެވެ. މީކާއަށް ކުރެވޭ ބައެއް ތުހުމަތު ތަކުގެ ތެރޭގައި 2011 ވަނަ އަހަރު މީކާ ދުއްވި ކާރަކުން އޮޓޯ ރިކްޝާއެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމުން، އަނިޔާވީ މީހާއަށް ފައިސާ ދީގެން އެ މައްސަލަ އޮއްބާލިކަމުގެ ތުހުމަތުހިމެނެއެވެ.

އަދި ބްރެޒިލްގެ އުމުރުން 17 އަހަރުގެ މޮޑެލްއަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުގައި މީކާ ވަނީ މިދިޔަ އަހަރު ދުބާއީގައި ވެސް ހައްޔަރު ކޮށްފައެވެ.