މަދިރީގެ އުނދަގުލަކީ އަހަރެމެން އެންމެނަށްވެސް ކުރިމަތި ވެފައިވާ ބޮޑު ކަމެކެވެ. ނަމަވެސް މަދިރި ތަކުގެ ތެރެއިންވެސް އިންސާނުންގެ ލޭ ބޮނޫ ހަމައެކަނި އަންހެން މަދިރިތައް ކަން އެނގޭ ހެއްޔެވެ؟

ފިރިހެން މަދިރި ތަކަކީ އިންސާނުންގެ ލޭ ބޮއިގެން އުޅޭ އެއްޗެހި ތަކެއް ނޫނެވެ. ފިރިހެން މަދިރިތައް ލޭ ބޯން ބޭނުންވި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އެހެންކަމުން އެ އެއްޗެހިން ދިރި އުޅެނީ ގަސްގަހާ ގެހީގެ ފޮނިތައް ބޮއިގެންނެވެ.

ފިރިހެން މަދިރި އެއް ފަތަކުން ފޮނި ބޮނީ

މިއާ ހިލާފަށް އަންހެން މަދިރިތައް ދިރި ހުރުމަށްޓަކައި ކޮންމެހެންވެސް ލޭ ބޭނުންވެއެވެ. އަދި އެ އެއްޗެހިން ބިސް އެޅުމަށްޓަކައިވެސް ލޭގެ މުހިއްމުކަން ވަރަށް ބޮޑެވެ. މިފަދަ މަދިރިތަކުގެ އަނގަތައް ހުންނަނީ އިންސާނުންގެ ހަށިގަނޑު ފޫއަޅުވާލެވޭ ފަދަ ގޮތަކަށެވެ. އަހަރެމެންނަށް އެ އެއްޗެހި ލޭ ބޮމުން ދާ ވަގުތުވެސް ގިނަ ފަހަރަށް އިހްސާސް ނުކުރެވީ މަދިރިތައް ލޭ ބުއިމުގެ ކުރިން އަހަރެމެންގެ ހަންގަނޑަށް ކުޅު ޖަހާތީއެވެ. ލޭ ބުއިމަށްޓަކައި ހަށިގަނޑުގެ ތެރެއަށް ފޮނުވާލާ ޓިއުބް ފޮނުވާނީ ކުޅު ޖަހާ ދިމާލުންނެވެ. ހަންގަނޑުން ތަނެއްގައި ރަތް ކުލަ އަރާފައި ހިރުވާނަމަ، އެހެން އެ ވަނީ އެ އެއްޗެހީގެ ކުޅާއި ހަމުގެ ތެރެއަށް ކޮށްޕާލި ތަންކޮޅުންނެވެ.

މިހެން އުޅޭ އުޅުމުގައި ތިމާ ގައިގައި މަދިރި އެއް ހަފާފައި ހަމަ އެތަނުގައި ދެން ހުންނަ މީހާ ގައިގައި މަދިރި ނުހަފައި ހިނގައިދާނެއެވެ. މިހެން ވާ ސަބަބަކީ އެ އަންހެން މަދިރިތައް ލޭ ބޯން ބޭނުންވާނީ އެ އެއްޗެއްސަށް މީރުވަސް ދުވާ މީހުންގެ ގައިންނެވެ. މީހެއްގެ ގައިން މަދިރިތަކަށް އެހައި ގަޔާ ނުވާ ކަހަލަ ވަހެއް ދުވާނަމަ އެމީހެއްގެ ގައިން ލޭބޯކަށް މަދިރިތަކެއް ނޫޅޭނެއެވެ. ނަމަވެސް، މަދިރިތަކަށް ދުވާ ވަސްތަކާއި އަހަރެމެން އިންސާނުންނަށް ދުވާ ވަސްތައް ވަރަށް ތަފާތުކަން ހަނދާން ބަހައްޓާށެވެ. އެހެނީ، ކިތަންމެ ވަރަކަށް ސެންޓު ޖަހައިގެން ހުއްޓަސް މަދިރި ހަފާފާނެތީއެވެ.

އަންހެން މަދިރި ލޭ ބޮނީ

ކޮންމެއަކަސް، މަދިރި ދެކެ އެހައި ރުޅި އަންނަ އިރު ހުރިހާ މަދިރި ތަކަށް އެ ރުޅިގަނޑު ނުބާލާށެވެ. އަހަރެމެންނަށް ޖެއްސުން ކޮށްފައި މި އުޅެނީ އަންހެން މަދިރިތައް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަލިބެ

    ޢަންހެން މަދިރި މޮޔަ ވެގެން ތެޅޭގޮތެއްދޯ؟

    6
    1
  2. ބަކުރު

    ހަމަ ދިވެހިންގެ ވައްތަރު. އަންހެންވެސް ފިރިހެންވެސް