"ލުވިސް ހެމިލްޓަން"ގެ ނަމުން ނަން ދީފައިވާ ކޮތަރެއް، 1.5 މިލިޔަން ޑޮލަރަށް ވިއްކާލައިފިއެވެ.

މި ކޮތަރަކީ ބެލްޖިއަމްގެ ކޮތަރު ރޭހުގެ ޗެމްޕިއަންކަން ހޯދި އަގުބޮޑު ކޮތަރެކެވެ.

"ލުވިސް ހެމިލްޓަން" މިއަގުގައި ވިކިފައިވަނީ އޮންލައިން ނީލަން ބާޒާރެއްކަމުގައިވާ ޕިޖަން ޕެރަޑައިސްގައި ދެހަފްތާ ވަންދެން ނީލަން ކިޔުމަށްފަހުގައެވެ. މިކޮތަރު ވިކުނު ފަހުން ވެސް ކޮތަރު ގަންނަން ގިނަ ބަޔަކު ޝައުގުވެރިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ އޮންލައިންކޮށް އެންމެ އަގުބޮޑުކޮށް ވިކުނު ކޮތަރުކަމަށް ޕިޖަން ޕެރަޑައިސްއިން ވަނީ ބުނެފައެވެ. މީގެ ކުރިން މި ރެކޯޑު ނިސްބަތްވަނީ 776000 ޕައުންޑަށް ވިކުނު ނަޑީން ނަމަކަށް ކިޔާ ކޮތަރަކަށެވެ.

މި ކޮތަރު ގަތް ފަރާތުގެ ނަން ހާމަ ކޮށްފައި ނުވިނަމަވެސް އެންމެ ފަހާ ޖެހެންދެން އެންމެ ވަރުގަދަޔަށް އަގު ހުށައަޅަފައިވަނީ ޗައިނާގެ ދެމީހެއްކަން ޕިޖަން ޕެރަޑައިސް އިން ވަނީ ހާމަ ކޮށްފައެވެ.

މި ކޮތަރު 1.5 މިލިއަން ޑޮލަރަށް ވިކިފައިވާއިރު،މި ކޮތަރުގެ ހަތް ދަރި ކޮތަރު ވަނީ 15000 ޕައުންޑަށް ވިކިފައެވެ.

ކިޔުންތެރިންގެ ހިޔާލު