ޖަރުމަނުގެ އަވަށެއް ކަމަށްވާ ސޮއެސްޓްގައި އުމުރުން އަށް އަހަރުގެ ކުޑަ ކުއްޖަކު ކާރެއްގައި އެ އަވަށުގެ ހައިވޭގައި ދަތުރުކޮށްފިއެވެ.

މި ހާދިސާ އާއި ގުޅިގެން ސޮއެސްޓްގެ ފުލުހުން ވިދާޅުވީ 8 އަހަރުގެ އެކުއްޖާގެ މަންމަ އޭނާގެ ދަރިފުޅާއި، ކާރު ގެއްލިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން އަވަށުގައި ފޯރިމަރަމުންދިޔަ ފުލުހަކަށް އެ ކާރު ފެނުނީ ހަތަރު ސިގްނަލު ދީގެން ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ. އެއާއެކު ކާރު މަޑު ކުރުވައި އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފުލުހުން ސުވާލުކުރުމުން އެކުއްޖާ ބުނެފައިވަނީ ބާރަށް ދުއްވުމުން ބޯ އަނބުރާފައިވާ ކަމަށެވެ.

"87 މޭލަށް ދުއްވުނީމަ ބޯ އަނބުރައިގަތީ. ބޭނުންވީ ކުޑަކޮށް ބާރަށް ދުއްވާލަން" 8 އަހަރުގެ ކުއްޖާ އާއި ފުލުހުން ސުވާލު ކުރުމުން ބުނެފައި ވެއެވެ.

ފުލުހުންވަނީ މިހާދިސާ ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް މީޑިއާގައި އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ މި ޙާދިސާގައި އެއްވެސް މީހަކަށާއި މުދަލަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ނުރައްކާތެރި އަދި ހިތާމަވެރި ކަމަކަށް މެދުވެރިވެދާނެ ފަދަ ހާދިސާއެއް ކަމުން، ބެލެނިވެރިން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ދަރިފުޅުގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅަކީ ވަރަށް ގިނައިން "ގޯކާޓް" އާއި "ބަމްޕާ ކާސް" ފަދަ ހަރަކާތްތަކުގައި ބައިވެރިވާ، ކާރު ދުއްވަން އެނގޭ ކުއްޖެއް ކަމަށެވެ. އަދި މީގެ ކުރިން އަސްލު ކާރެއްވެސް އޭނާ ދުއްވާފައިވާ ކަމަށް ދަރިފުޅުގެ މަންމަ ބުންޏެވެ.

ޖަރުމަނުގައި ކާރު ދުއްވުމުގެ ލައިސަންސް ލިބެނީ އުމުރުން 18 އަހަރު ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށސޮނިފޮހެުގެ މަަންމެ

    މަވެސް މުސްކުޅިވި ދުވަހު ކާރު ދުއްވާ ހިތްވެއްޖެ

    3
    2