އަފްޣާނިސްތާނުގެ އަވަށެއްގައި، ދަރިއަކު އުނގަށް ލައިގެން އިމްތިޙާނު ހަދަމުންދިޔަ މަންމައެއްގެ ފޮޓޯވަނީ ވަރަށް ފަހުން އާއްމުވެފައެވެ. މި ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންވެސްދިޔައެވެ. އަދި، ފޮޓޯ އިން ފެންނަ އަންހެން މީހާ، ޖަހަންތަޕު އަޙުމަދީއާ ބެހޭގޮތުން އިތުރަށް ހޯދުމަށްވެސް އެތައް ބަޔަކު ބޭނުންވިއެވެ.
އިއްޔެ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި ފޮޓޯ އިން ފެންނަ ޖަހަންތަޕު ވަނީ ޓެސްޓުން ފާސްވެފައެވެ. ކޮލެޖަށް ވަނުމުގެ ކުރިން ހަދާ އެންޓްރަންސް އެގްޒާމު ފާސްވެ، އޭނާވަނީ ކޮލެޖަށް ވަނުމަށް ޝަރުތު ހަމަވެފައެވެ.
ފަސް އަހަރުން ދަށުގެ ތިން ކުދިންގެ މި މަންމަ ކޮލެޖަށް ވަނުމުގެ ޓެސްޓުން ފާސްވެފައިވާއިރު އޭނާވަނީ މަތީ ޘާނަވީ ވެސް ނިންމާފައެވެ. އަދި، އޭގެފަހުން ޕްރައިމަރީ ގުރޭޑުތަކަށް ވިލެޖު ސްކޫލެއްގައި ކިޔަވައިދީފައިވެސްވެއެވެ. އެހެންނަމަވެސް، ކޮލެޖަށް އޭނާ ވަންނަން ބޭނުންވީ، އިތުރަށް ކިޔަވާ މޮޅު މީހަކަށް ވުމަށެވެ.
މިކަމާ ގުޅިގެން 25 އަހަރުގެ ޖަހަންތަޕު ބުނެފައިވަނީ އޭނާ ކޮލެޖަށް ގޮސް ކިޔަވަން ބޭނުންވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ދަރިންނަށް ކިޔަވައިދިނުންކަމަށެވެ. އަދި، އޭގެފަހުގައި އޭނާގެ ވިލެޖުގެ ތަޢުލީމީ ފެންވަރު ކުރިއަރުވައި، މުޅި މުޖުތަމަޢު ތަރައްޤީ ކުރުންކަމަށެވެ.
ޖަހަންތަޕުގެ ފިރިމީހާ ބުނެފައިވަނީ މިކަމާ އޭނާ ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި އޭނާއަކީ (ފިރިމީހާ) ލިޔަންކިޔަން ނުދަންނަ މީހެއްކަމަށްވާއިރު އޭނާގެ އަންހެނުންނަށް ލިބުނު ކާމިޔާބާ މެދު ފަޚުރުވެރިވާކަމަށެވެ.
ހަމަ ޔަޤީނުންވެސް މިއީ ބުރަ މަސައްކަތުގެ ނަތީޖާ ފޮނިވާނެކަން އަންގައިދޭ ކަމެކެވެ.
ޢަލްހަމްދު ލިﷲ. އޭނައަށް ދުނިޔެއާއި އާހިރަތުގައި ހުރިހާގޮތަކުން ކާމިޔާބު ދެއްވާށި. އާމީން.
ބިނގާ އާއި ލަނޑުދަނޑި ރަންގަޅު، ތިޔަ މަންމައަށް ކާމިޔާބު އުފާވެރި މުސްތަގުބަލަކަށް އެދެން.
ވަރަށް ހިތްވަރުގަދަ އަންހެނެއް!