2020 ވަނަ އަހަރު މަޝްހޫރު އެޕަލް ކުންފުނިން ފައްޖަހާލެވޭ އައިފޯނު ނެރެން ތައްޔާރުވަމުންދާކަމަށް އެކުންފުނީގެ އެތެރޭގެ މަސްދަރުތަކަކާ ހަވާލާދީ މިދިޔަ ހަފްތާގެ ތެރޭގައި މީޑިޔާތަކުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ފެންނަ ފެނުމަށް ވަރުގަދަ އެޕަލް ކުންފުންޏަށް ވުރެ އަވަހަށް، ސްމާޓް ފޯން އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަމުންދާ "ވާވޭ" ކުންފުނިން ފައްޖަހާލެވޭ ސްމާޓް ފޯނު ބާޒާރަށް ނެރޭނެއެވެ. ހަމައެހެންމެ، "ސެމްސަންގ" އިންވެސް ނެރެން ރާވާފައިވާ ފައްޖަހާލެވޭ ސްމާޓް ފޯނަށްވުރެ އަވަހަށް ވެސް ވާވޭ އިން މި ފޯނު ނެރޭނެއެވެ.

މިފަދަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި ވާވޭގެ ސީއީއޯ ރިޗަޑް ޔޫ ވެސް ހާމަކޮށްފައިވެއެވެ. އަދި، މިހާރު އެކުންފުނިންވަނީ ދުނިޔޭގެ ފިކުރީ މުދަލާ ބެހޭ މައި އިދާރާ، "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން" އިން ފައްޖަހާލެވޭ ފޯނު އުފެއްދުމުގެ ޕޭޓަންޓެއްވެސް ހޯދާފައެވެ. ޕޭޓަންޓަކީ މިފަދަ އުފެއްދުންތެރި ޚިޔާލުތައް ނަކަލު ކުރުމުން ރައްކާތެރިކޮށްދޭ ޤާނޫނީ ލައިސަންސެކެވެ.

ފައްޖަހާލެވޭ ފޯނުގެ ޕްރޮޓޯޓައިޕެއް ވާވޭ އިން މީގެކުރިން ހާމަކޮށްފައިވެސްވެއެވެ. އެހެންނަމަވެސް، އެކުންފުނިން އުފައްދައިގެން ބާޒާރަށް ނެރޭ ފޯނުތައް، ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރުން އެކަށީގެންވާކަމަށްވެސް ނޫސްތަކުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން މިހާރުވަނީ މި ޓެކްނޮލޮޖީގެ ރިސަރޗް އަދި ޑިވެލޮޕްމަންޓް މަސައްކަތްތައް ނިންމާލާފައެވެ.