ބައެއް ފިރިހެނުންނަކީ ފެންނަ ނުވަތަ ބަލާލާ ކޮންމެ އަންހެނަކީ ތިމާދެކެ ޝައުގުވެރިވާ މީހެއް ކަމަށް ޤަބޫލު ކުރާ ބައެކެވެ. އެހެން ނަމަވެސް މިކަމަކީ ކިހާވަރެއްގެ ހަޤީޤަތެއް އޮތް ކަމެއްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި އެފަދަ މީހުން އެއީ "ކަރާ ފަޅާ" ނުވަތަ ހުސް ވާހަކަ ދައްކާ މީހުނެވެ. އަނެއް ބަޔަކު އެފަދަ މީހުން ދައްކާ ވާހަކަ ޤަބޫލުކޮށް އެމީހުނަށް ތައުރީފްވެސް ކުރެއެވެ.

މިކަމުގެ ހަޤިޤަތް ހޯދުމަށްޓަކައި އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން މިވަނީ ވަރަށް ތަފާތު ދިރާސާއެއް ކުރިޔަށް ގެންގޮސްފައެވެ. ގާތްގަޑަކަށް 500 އެއްހައި ފިރިހެނުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ދިރާސާގައި ގައި ބައިވެރިން އަންހެނުން ގިނައިން ގޮސް އުޅޭ ތަންތަނަށް ގެންދެވުނެވެ. އަދި އެއަށްފަހު އެ ބައިވެރިންނާއި ކުރެވުނު ސުވާލުތަކުން އެނގިގެންދިޔައީ އޭގެތެރެއިން ގިނަ ބަޔަކު، ކުރިން ފެނުނު އަންހެނުން އެމީހުންދެކެ ތަފާތު ގޮތްގޮތަށް ޝައުޤުވެރިވާކަން ގަބޫލު ކުރާ ކަމެވެ.

މި ދިރާސާކުރިޔަށް ގެންދިޔަ ޓީމުން އިތުރަށް ބެލި ބެލުމުން އެނގިގެންދިޔައީ މިގޮތަށް ކަންތައް ދިމާވަނީ އަންހެނެއްގެ ހަރަކާތްތައް ހުންނަ ގޮތަކުން ފިރިހެނުންނަށް އެފަދަ ގަބޫލު ކުރުންތައް ކުރެވޭތީ ކަމެވެ. އަދި ގިނަ ފަހަރަށް ތިމާދެކެ އަންހެނަކު ބަލާލާގޮތަކުން ޝައުގުވެރިކަން އުފެދިފައިވާ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެއީ ހަޤީޤަތެއް ވާކަމެއް ނޫން ކަމަށް އެ ޓީމްގެ އިސް ޕްރޮފެސަރަކު ކަމަށްވާ ޖައުސާ ހާޓް ބުނެފައިވެއެވެ.

"އާންމުކޮށް ފްލާޓް ކުރާ ފިރިހެނުންނަށް ޤަބޫލު ކުރެވޭނީ ދެން ފެންނަ ނޫނީ އެމީހަކު އަޅައިގަންނަ މީހަކީ ވެސް އެފަދަ އަންހެނެއް ކަމަށް" - ޕްރޮފެސާ ހާޓް ބުންޏެވެ.

އެހެންކަމުން ބައެއް ފަހަރަށް ތިމާދެކެ ދެން ހުންނަ މީހާ ޝައުޤުވެރިވާ ކަމަށް ޤަބޫލު ކުރެވުމަކީ އެފަދަ އުންމީދެއް އޮތުމުގެ ސަބަބުން ދިމާވާ ކަމެއް ކަން މި ދިރާސާ ޓީމުން ޤަބޫލު ކުރެއެވެ.