ވޭޕް ކުރުން މިހާރު މިވަނީ ދިވެހި ޒުވާނުންގެ ތެރޭގައިވެސް ވަރަށް އާއްމު ކަމަކަށް ވެފައެވެ. މިއީ ސިއްހީ ގޮތުން އަހަރެމެންގެ ހަށިގަނޑަށް އެތައް ނުރައްކަލެއް ކުރިމަތި ކުރުވާ އެއްޗެއް ކަމަށް ވާއިރު، އެމެރިކާގައި އުމުރުން 17 އަހަރުގެ ކުއްޖަކު ވޭޕް ކުރުމުގެ ސަބަބުން މަރު ނުވީ ހަމަ ކިރިޔާއެވެ.

ޓްރައިސްޓަން ޒޮހްފެލްޑް އަކީ ޓެކްސަސް އަށް ނިސްބަތްވާ ކުއްޖެކެވެ. އެއް ދުވަހު އޭނާ ނިދާފައި އޮއްވައި ކުއްލިއަކަށް ހޭލެވުނީ ހޮޑު ލެވޭތީއެވެ. ހުއްޓުމަކާއި ނުލައި އޭނާ ހޮޑު ލަމުން ގެންދިޔަ އިރު، އޭނާގެ ހިތް ދިޔައީ ގަޑިއަކު 100 މޭލު ބާރު މިނުގައި ތެޅެމުން ކަމަށް އޭނާ ބުންޏެވެ.

މިއާއި އެކު ޓްރައިސްޓަންގެ ބެލެނިވެރިން ވަނީ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ޓްރައިސޓަން އޮންނަން ޖެހުނީ ކޯމާ އެއްގައި ކަމުން ވެގެން އުޅޭ ގޮތެއް އޭނާ އަށް ކިޔައެއް ނުދެވުނެވެ. އަދި ޑޮކްޓަރުން އޭނާ އެތައް ބައްޔަކަށް ޓެސްޓު ކުރުމަށް ފަހުގައިވެސް ވީ ގޮތެއް ނޭނގުނެވެ. ނަސީބަކުން ޓްރައިސްޓަންގެ އާއިލާ މީހަކު އޭނާ ވަރަށް ގަދައަށް ވޭޕް ކުރާ ވާހަކަ ބުނެވުނެވެ. މިއާއި އެކު ޑޮކްޓަރުން ޓްރައިސްޓަންގެ ފުއްޕާގެ އެކްސްރޭ އެއް ހެދުމުން އޭނާގެ ފުއްޕާމޭ އެއްކޮށް ބެދިފައިވާ ހާމަވިއެވެ.

17 އަހަރުގެ ޓްރައިސްޓަން މިކަންތައް ދިމާވުމުގެ ކުރިން

ޓްރައިސްޓަން ވޭޕް ކުރުމުގެ ސަބަބުން އޭނާގެ ފުއްޕާމޭ ވަނީ ނޭވާ ލުމަށް ދަތިވާ ވަރަށް ހަލާކުވެ، ތަންތަނުން ކަފައިގެންވެސް ގޮސްފައެވެ. 18 ދުވަހު ފަރުވާ ދިނުމަށް ފަހު މިހާރު ޓްރައިސްޓަން ދޫކޮށްލާފައި ވާއިރު، އޭނާ ބުނީ މިއީ އޭނާ އަށް ލިބުނު ދެވަނަ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނޭ ކަމަށެވެ.

"ހަމަ ޔަގީނުންވެސް މިއީ އަހަންނަށް ލިބުނު ދެވަނަ ފުރުސަތެއް. ކޯމާ އިން ތެދުވެވުނު ހިސާބުން އަހަންނަށް އިނގިއްޖެ މި ކުރެވުނީ އެއްވެސް ފައިދާ އެއް ނެތް މޮޔަ ކަމެއްކަން. މިހާރު އަހަރެންގެ ހުރިހާ ރައްޓެހިންވެސް ވޭޕް ކުރުން ހުއްޓާލައިފި" ޓްރެސްޓަން ކިޔައިދިނެވެ.

އެމެރިކާގައި އެކަނިވެސް ވޭޕް ކުރުމުގެ ސަބަބުން 153 މީހެއްގެ ފުއްޕާމެއަށް މިފަދަ ބޮޑެތި އަނިޔާ ތަކެއް ލިބިގެން ވަނީ ދާދި ފަހުން ރިޕޯޓް ކޮށްފައެވެ. ރާއްޖޭގައިވެސް މިއީ އާއްމު ކަމަކަށް ވާއިރު މިކަން ކުރާ ޒުވާނުން އަދިވެސް ހޭޖެހޭކަށް ނުވޭ ހެއްޔެވެ؟ ވަގުތު ފާއިތު ވުމުގެ ކުރިން ރަނގަޅަށް ވިސްނާށެވެ.