އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ކަރީނާ ކަޕޫރް އާއި ފިރިމީހާ ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރްއަކީ ވެސް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ތުއްތު ކުއްޖެކެވެ. މިހާރު އުމުރުން އެންމެ ދެ އަހަރު ނަމަވެސް، އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓި، އޭނާގެ ފޮޓޯ ނަގަން އެތައް ބަޔަކު ގޭ ދޮށަށްވެސް އެއްވެއެވެ. އެކަމާއި ސައިފް ހިތްހަމަނުޖެހިފައި ހުރި ވަރު، އޭނާ މިފަހަރު މިވަނީ ދައްކާލާފައެވެ.

ސައިފް އެކަަމާއި ހިތްހަމަނުޖެހިފައި ހުންނަ ކަން ގިނަބަޔަކަށް އެނގުނު ނަމަވެސް، އޭނާގެ ގެ ކައިރިއަށް ތައިމޫރްގެ ފޮޓޯ ނަގަން ގިނަ ބަޔަކު ދެއެވެ. އެގޮތުން ދާދި ފަހުން މުމްބާއިގައި ދިރިއުޅޭ ސައިފްގެ ގެ ކައިރިއަށް ތައިމޫރްގެ ފޮޓޯ ނަގަން ދިޔަ ބަޔަކާއި ދިމާލަށް ސައިފް ވަނީ ރުޅި އައިސްގެން ނުރުހުމުގެ ބަސްތައް ބުނެފައެވެ.

ތައިމޫރް ގޮވައިގެން ސައިފް ގެއިން ބޭރަށް ނިކުންނަނިކޮށް ގިނަބަޔަކު ތައިމޫރްގެ ފޮޓޯ ނަގަމުންދިޔައިރު، ތައިމޫރް ދިޔައީ އެ މީހުންނަށް ހަނާ އަޅަމުންނެވެ. އެ މީހުން ތައިމޫރްގެ ފޮޓޯ ނަގަން ފެށުމުން ސައިފް ރުޅި އައިސްގެން އެ މީހުންނާއި ދިމާލަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސައިފް ކުރިން ބައެއް ފޮޓޯގްރާފަރުންނާއި ދިމާލަށް، ކުދިންގެ ފޮޓޯ ނުނެގުމަށާއި، އެކަމާއި ހެދި ކުދިންގެ ލޯ އަނދިރިވެދާނެ ކަމަަށް ބުންޏެވެ. އަދި ކަރީނާވެސް ވަނީ އޭނާގެ ދަރިފުޅު މާބޮޑަށް މަޝްހޫރު ވާތީ އެކަމާއި ކަންބޮޑުވާކަމަށް ބުނެފައެވެ.