ހަމަގައިމުވެސް އަޖޭ ދޭވްގަން އަކީ ބޮލީވުޑަށް އައު ތަރިއަކަށް ނުވާނެއެވެ. ބޮލީވުޑްގެ ސަތޭކައެއްހައި ފިލްމު ކުޅެފައިވާ އަޖޭ އާންމުންގެ މެދުގައި ހާއްސަވެފައިވަނީ އަބަދުވެސް އާއިލާއަށް ވަގުތު ހުސްކޮށްދިނުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ފަންނާނެއްގެ ގޮތުގައެވެ. މިގޮތުން މިފަހަރުވެސް އަޖޭ މިވަނީ އޭނާގެ އަންހެނުން ކާޖޮލް އާއި ދެ ދަރިން ގޮވައިގެން ޕެރިހަށް ދަތުރު ކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަޖޭ އާއިލާއާއިއެކު ޕެރިހަށް ގޮސްފައިވަނީ އޭނާގެ 49 ވަނަ އުފަން ދުވަސް ފާހަގަ ކުރަންށެވެ. އަލަށް ކައިވެނިކުރި ދެމަފިރިން ކަމުގައިވާ ވަޓްސަލް ސެތު އާއި އިޝިޓާ ޑުއައްޓާ ވެސް އެ އާއިލާއާއިއެކު މި ދަތުރުގައި ބައިވެރިވެފައިވެއެވެ.

https://instagram.com/p/BhEwqXqHLKO/?utm_source=ig_embed&utm_campaign=embed_profile_upsell_test

"އަހަރެން ވަރަށް ބޮޑަށް ބަލަން މަސައްކަތްތައް ބެލެންސް ކޮށްފަ އާއިލާއަށް ވެސް ގިނަ ވަގުތުތަކެއް ހުސްކޮށްދެވޭތޯ. ބައެއް ފަހަރު ދެން މިހެން މަސައްކަތްތަކުގަ ތާށި ވެދާނެ. އެކަމަކު ހަމަ ދަރިންނާއި އެކީ ވަގުތު ހޭދަ ކުރަން ވަރަށް ގިނައިން. " ކުޅަދާނަ އެކްޓަރު އަޖޭ ބުނެފައިވެއެވެ.

"ވަރަށް ގިނައިން ސިންގަޕޫރަށް ވެސް ދަން އެކުދިން އުފާކޮށްދެން. އަހަރެން މަސައްކަތް ކުރަނީވެސް ހަމަ އަށް ގަޑިއިރު. އޭގެތެރެއިން ވެސް ބަންދު ދުވަހެއް ވިއްޔާ އަހަރެންވެސް ހަމަ ބަންދު ދުވަހެއް ގޮތަށް ނިންމާލަނީ" އިތުރަށް އޭނާ ބުނެފައިވެއެވެ.

ކިތަންމެ ބުރަކޮށް އުޅެމުންވެސް އާއިލާއަށް ވަގުތު ހުސްކޮށްދޭންވާނެ ކަމަށާއި އެކަމުގެ ސަބަބުން ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބިގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

އަޖޭ ވަނީ އެމީހުން ޕެރިހަށް ކުރި ދަތުރުގެ ބައެއް ފޮޓޯތައް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.