ސްޓާޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ، "ކަސޯޓީ ޒިންދަގީކީ"ގެ ދެ ތަރިން ކަމަށްވާ އެރިކާ ފެނާންޑޭޒް އާއި ޕާތު ސަމްތާން ރާއްޖެ އަތުވެއްޖެއެވެ.

މި ސިލްސިލާގައި ޕްރޭނާ ޝަރުމާގެ ރޯލުން ފެނިގެންދާ އެރިކާ އާއި އަނޫރާގް ބާސޫގެ ރޯލު ކުޅެފައިވާ ޕާތު ރާއްޖެއަށް އައީ އިއްޔެގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމީހުން ރާއްޖެއަށް އައިސްފައި ވަނީ ޝޫޓަކަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނަމުންދާއިރު، އެ ދެ ތަރިން މިވަގުތު ތިބީ ކްލަބް މެޑް ކަނި ރިސޯޓުގައެވެ. އެމީހުން ރާއްޖެއަށް އައީ ކިތަށް ދުވަހަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކަސޯޓީގެ ދެ ތަރިން ރާއްޖޭގައި

އެރިކާ އާއި ޕާތު ރާއްޖެ އައުމަށްފަހު ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ފޮޓޯތަކެއް އިންސްޓަގްރާމުން އާންމުކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. މި ދެމީހުން އެކުގައި ރާއްޖެއަށް އައިސްފައި މިވަނީ، އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ރާއްޖެއަކީ ބޭރުގެ މަޝްހޫރު ފަންނާނުންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެގޮތުން ދާދި ފަހުން، ކަސޯޓީ ޒިންދަގީކީގައި، ކޮމަލިކާގެ ރޯލުން ފެނިގެންދާ ހީނާ ޚާންވެސް ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައެވެ. މީގެ އިތުރުންވެސް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ރާއްޖެއަށް އަންނަމުން ދެއެވެ.