ނޮކިއާގެ އަޑު މިހާރު އިވެނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް، ނަވާރަސަތޭކައިގެ ފަހު ކޮޅާއި ދެ ހާހުގެ ކުރީގެ އަހަރު ތަކުގައި މުޅި ދުނިޔޭގައިވެސް ނިސްބަތުން އެންމެ ގިނައީ ނޮކިއާގެ ފޯނުތަކެވެ. ނަމަވެސް، މުޅި ދުނިޔެ އަށް މަޝްހޫރު "ބައްތި" ފޯނު ތައަރާފް ކުރި ނޮކިއާ އިން އެންމެ ފުރަތަމަ އުފެއްދީ ކަރުދާސްކަން އެނގޭ ހެއްޔެވެ؟

ފިންލޭންޑުގެ އަވަށަކަށް ނިސްބަތްކޮށް ނަން ދީފައިވާ ނޮކިއާ ކުންފުނިން 1865 ވަނަ އަހަރުގައި ފަށައިގަތީ ކަރުދާސް އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް 1960 އާއި ހަމައަށް ކަރުދާސް އުފެއްދުމަށް ފަހު އެ ކުންފުނިން ވަނީ އެލެކްޓްރޯނިކްސް އަށް ވިޔަފާރި ބަދަލު ކޮށްފައެވެ.

ނޮކިއާގެ ޓޮއިލެޓް ޕޭޕަރު

ރޭޑިއޯ ޓެލެފޯނުތަކުން މޮބައިލް ޓެލެފޯނުތަކަށް ބަދަލު ކުރަމުން އައިސް އެ ކުންފުނީގެ ފޯނުތައް ދިޔައީ މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންނެވެ. އެ ޒަމާނުގެ "އެޕަލް"ގެ ގޮތުގައި ބެލެވުނު ނޮކިއާ އަކީ ހަގީގަތުގައި މިހާރު މި ފެންނަ މޮބައިލް ފޯނުގެ ޓެކްނޮލެޖީގައި އިސް ދައުރެއް އަދާ ކޮށްފައިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން، އޭރު އެހެން ފޯނުތަކުގައި ނުހުންނަ ބޮޑެތި ޑިސްޕްލޭ އާއި އީމެއިލް ފަދަ އެތައް ފީޗާ އެއް ނޮކިއާގެ ފޯނުތަކުގައި ހުރި އިރު، އެޕަލް އާއި ސެމްސަންގް ފަދަ ކުންފުނިތަކުގެ ފަހުގެ އުފެއްދުން ތަކުގެ ސަބަބުން ނޮކިއާ ވަނީ ވަރަށް ބޮޑުތަނުން ފަހަތަށް ޖެހިލައިފައެވެ. ދެހާހުގައި އުފަންވި ކުދިންނަށް ނޮކިއާ އޭ ބުނުމުން ނޭނގުނު ނަމަވެސް، ގިނަ މީހުންނަށް އެނގޭނެއެވެ. މިހާރު މި ބްރޭންޑުގެ ފޯނުތައް ފެންނަލެއް މަދުވެފައި ވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުންނާއި ބޭރު މީހުންގެ އަތުން އަދިވެސް މި ބްރޭންޑުގެ ފޯނުތައް ފެނެއެވެ. ނަމަވެސް ނޮކިއާގެ ކަރުދާހެއް ދެން ނުފެންނާނެއެވެ.