އެލެފަންޓް ނުވަތަ އެތެއް މަގުފޭރޭ ވީޑިއޯ އާއްމު ވެއްޖެއެވެ.

ތައިލޭންޑުގައި ހިނގި މި ހާދިޘާގައި ވީޑިއޯ އިން ފެންނަ ގޮތުން އެތެއް ވަނީ މަގުމަތިން ދިޔަ ވެހިކަލްތައް ހުއްޓުވައި، އުއްދަނޑި (ޝުގާ ކޭން) ތަކެއް ފޭރިގަންފައެވެ. ފުލުސް އޮފިސަރެއްހެން ޓްރަކް ތަކުގެ ވަސް ބަލަމުން އެ އެތް ދިޔަ އިރު، އުއްދަނޑީގެ ވަސް ނުދުވާ ޓްރަކެއް ނަމަ ދޫކޮށްލައެވެ. އެހެން ނަމަވެސް، ޓްރަކެއް ތެރޭގައި އުއްދަނޑި ހުރެއްޖެނަމަ އެތް ވަނީ އެ ވެހިކަލެއް ހުއްޓުވައި އުއްދަނޑި ފޭރިގަންފައެވެ.

2 ގަޑި އިރު ތެރޭގައި މި އެތް ވަނީ ތައިލޭންޑުގެ މަގެއްގައި ޓްރެފިކް ބާރު ބޮޑުކޮށް، 12 ވެހިކަލަކުން އުއްދަނޑި ނަގާފައެވެ. ބައެއް ޑްރައިވަރުން އެތް ކާން ހުންނަ ގަޑީގައި ހަނި ފުރުސަތެއް ލިބުމުން އެތަނުން ދުރަށް ދިޔަ ނަމަވެސް، ދެން ހުރި ވެހިކަލް ތަކުގެ ކުރި މައްޗައް އަރައި އެތް ވަނީ އެތަނުން ދިއުމުގެ ފުރުސަތުވެސް ޑްރައިވަރުންނަށް ނުދީފައެވެ.

އެތް ބޮޑުކަމުން މަގުމައްޗައް ނިކުމެ އޭތި ފޮނުވާލަން އެކަކަށްވެސް ނުކެރުނު އިރު، އޭތި ކައިރިން ދިޔަ ހުރިހާ ވެހިކަލެއްވެސް އެތް ރުޅި އައިސް ދާނެތީ ދުއްވާފައި ދިޔައީ ވަރަށް މަޑުންނެވެ. ބަނޑު ފުރާ އުއްދަނޑި ކެއުމަށް ފަހު ޖަންގަލި ތެރެއަށް އެތް ގޮސްފައި ވާއިރު، އެ ސަރަހައްދުގައި އެތްތައް ބަލަހައްޓާ މީހާ ބުނެފައި ވަނީ އެ ޖަނަވާރު މީހުންނަށް ވަރަށް ހަމަލާ ނުދޭނެ ކަމަށާއި، އެގޮތަށް އޭތި ކަންތައް ކޮށްފައި ވަނީ އުއްދަނޑި ކާހިތުން ކަމަށެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މީސް މީޑިއާގައި އާއްމުވެފައި ވާއިރު، ބައެއް ޑްރަވަރުން ވަނީ އެ މީހުންނަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބުނެ، ޖަންގަލީގައި އުޅޭ ޖަނަވާރުތައް މަގުމައްޗައް ނުނިކުމެވޭނެ ފަދަ ގޮތަކަށް ބަންދު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެއްތައް އާއްމުކޮށް އުޅޭނީ އެއްކޮށެވެ. އެންމެ އެތެއް ރުޅި އަރުވާލި ނަމަވެސް، ގްރޫޕް އެއްކޮށް ހަމަލާ ދޭން އައުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެއެވެ.

ނަމަވެސް، މީސް މީޑިއާގައި މި ވީޑިއޯ ބަލާ މީހުން ބުނެފައި ވަނީ އެތް އެއްވެސް މީހަކަށް ގެއްލުމެއް ނުދޭ ކަމަށާއި އެ އެއްޗެހިންވެސް ކާނާ ބޭނުންވާނެ ކަމަށެވެ. އަދި ކުޑަ އުއްދަނޑި ކޮޅެއް އެތްތަކަށް ދިނަސް އެ މީހުންނަށް އެވަރުގެ ގެއްލުމެއް ނުވާނޭ ކަމަށްވެސް މީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލުލޫ

    އިންސާނުންނަށް މީރުއެއްޗެހި ފެނުނީމަ ކާހިތްވާފަދައިން އެސޮރުމެންވެސް މީރު އެއްޗެއް ފެންނައިރަށް ކާހިތްވާނެދޯ.

    12
  2. ޓްރޭސް

    އިންސާނުން ފިޔަވައި އެހެން ބާވަތްތަކުގެ ދިރޭ ތަކެއްޗަށް ނިސްބަތްކޮށް "މަގުފޭރުން" މި ބަސް ބޭނުމެއް ނުކުރެވޭނެ!

    6
    1
  3. XD

    މިރާއްޖޭގަވެސް މަގުފޭރޭ ރާމާމަކުނާއި އެތްތައް ވަރަށް ގިނަވެއްޖެ.