އާއްމު ގޮތެއްގައި އަންހެނުންނަކީ އެމީހުންގެ ފިރިމީހާ ނުވަތަ ލޯބިވެރިޔާ ކުރީގެ ލޯބިވެރިންނާއި ވަރަށް ބޮޑު ހަސަދަވެރިކަމެއް ހިތުގައި އަޅައިގެން އުޅޭ ބައެކެވެ. ފިރިމީހާގެ އެކްސް އާއި އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. އަމުރުން އެފަދަ މީހެއްގެ ކައިވެނި ޕާޓީ ފަދަ ހަފްލާއެއްގައި ބައިވެރިވުން އެއީ ވަރަށް ނާދިރު ކަމެކެވެ.

ނަމަވެސް މޭގަން މާކެލް މިއާއި މުޅިން ތަފާތެވެ. ހެރީގެ ކުރީގެ ލޯބިވެރިޔާ ކްރެސިޑާ ބޮންސްގެ ކައިވެންޏަށް ތައްޔާރުވަމުން ދާއިރު އެކައިވެނި ޕާޓީގައި މޭގަން އާއި ހެރީ ވެސް ބައިވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހެރީ އާއި ކްރެސިޑާއާ ދެމެދު މިހާރު ވެސް އޮންނަނީ ވަރަށް އެކުވެރި ގުޅުމެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

ހެރީ އާއި ކްރެސިޑާ ބައްދަލުވީ 2012 ވަނަ އަހަރު އެވެ. ދެއަހަރު ވަންދެން ޑޭޓް ކުރުމަށް ފަހު އެމީހުންގެ ގުޅުން ނިމުމަކަށް އައީ 2014 ވަނަ އަހަރު އެވެ.

ކްރެސިޑާ ވަނީ 2018 ވަނަ އަހަރު އޮތް މޭގަން އާއި ހެރީގެ ކައިވެނި ޕާޓީގައި ވެސް ބައިވެރިވެފައެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ކްރެސިޑާގެ ކައިވެނި ޕާޓީގެ ދައުވަތު އަދި ރަސްމީކޮށް ފޮނުވާފައި ނުވި ނަމަވެސް ހެރީ އާއި މޭގަން އަށް ދައުވަތު ދޭނެކަން ކްރެސިޑާ ވަނީ އަންގާފައެވެ. އެހެންކަމުން އެދެމަފިރިން ވެސް ދަނީ މިހާރު ގާތް އެކުވެރިއެއްގެ ކައިވެނި ޕާޓީއަށް ތައްޔާރުވާ ބީދައިން ކްރެސިޑާގެ ކައިވެނި ޕާޓީއަށް ތައްޔާރުވަމުންނެވެ.

ކުރިން މޮޑެލް ކުރަން އުޅުނު ކްރެސިޑާ އަކީ މިހާރު ރިއަލްއެސްޓޭޓް ވިޔަފާރިވެރިއެކެވެ.