ބޮޑު އަލިފާންގަނޑެއް ރޯވެ އަދަމުންދާ އެމޭޒަން ޖަންގަލި ހިމާޔަތް ކުރަން ހޮލީވުޑްގެ މަޝްހޫރު ތަރި އަދި ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރާ ލިޔަނާޑޯ ޑިކަޕްރިޔޯ ފަސް މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

ރިޕޯޓްތަަށް ބުނާ ގޮތުގައި ލިޔަނާޑޯ މި އެހީ ދޭން ނިންމީ އޭނާ ދާދި ފަހުން އުފެއްދި "އާތް އެލެޔެންސް" ޖަމިއްޔާ މެދުވެރިކޮށެވެ.

ލިޔަނާޑޯ ދަނީ އެމޭޒަން ޖަންގަލީގައި ރޯވެ ލިބެމުންދާ ގެއްލުންތަކުގެ ފޮޓޯތައް އޭނާގެ އިސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ.

ލިޔަނާޑޯ ބުނޮގޮތުގައި އިންސާނުން ނޭވާލާން ބޭނުންކުރާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިން ފޮރެސްޓް، އެމޭޒަން ޖަންގަލި ހިމާޔަތް ކުރުމަކީ ވަކި މީހެއްގެ ޒިންމާއެއް ނޫން ކަމަށް ޓުވިޓާ މެދުވެރިކޮށް ބުނެފައެވެ.

މީގެ އިތުރުން އޭނާ ވަނީ އެމޭޒަން ހިމާޔަތް ކުރަން ގޮވާލާ ޖަމާއަތްތަކަށް ވެސް އެހީ ދޭން ނިންމާފައެވެ.

ލިޔަނާޑޯ ޑިކަޕްރިޔޯ ފަސް މިލިއަން ޑޮލަރު ދޭން ނިންމި އިރު
އިންސާނީ އަދި ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބައެއް ޖަމިއްޔާތަކުން ވަނީ އެމެޒޯންއިން ގަސްގަހާގެހި ކެނޑުމަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އެފަދަ އެހެން ފަރާތްތަކުން ތިމާވެއްޓާއި ދެކޮޅު ސިޔާސަތުތަކަށް ހިތްވަރު ދިނުމުގެ ސަބަބުން ދަނޑުވެރިން ގަސްދުގައި އެސަރަހައްދުގައި ހުޅުޖަހަނީކަމަށްވެސް ތުހުމަތުކޮށްފައެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް އިން މި ޖަންގަލީގެ ސެޓެލައިޓް ފޮޓޯތައް ބެލުމަށް ފަހު ބުނެފައި ވަނީ މިދިޔަ މަހު އެކަނިވެސް އެ ޖަންގަލިން 332160 އޭކަރުގެ ސަރަޙައްދެއްގައި ހުރި ހުރިހާ ގަހެއް ގެއްލިފައިވާ ކަމަށެވެ. މިއީ ރެކޯޑް އަދަދެއް ކަމުގައި ވާއިރު، މިހާރު ރޯވަމުން ދާ އަލިފާންގަނޑުގެ ސަބަބުން މި އަދަދު ދަނީ ހަލުވި ކަމާއި އެކު އިތުރުވަމުންނެވެ.

އެމޭޒަން ޖަންގަލީގައި މަދުވެގެން 40000 ވައްތަރުގެ ގަސްގަހާގެހި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. އަދި ހަމަ މިއާއެކު 2.5 މިލިއަން ވައްތަރުގެ ކުދި ސޫފި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހިނީގެ ވައްތަރުތަކާއި ނަގުލަންދާށި، ފަނި، ފަދަތަކެތި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓައިޓޭނިކް

    ތިޔަހާ ލާރި އޮތިއްޔާ ކީއްތަ ވާނީ އަޅެ މަގޭ އެކައުންޓަށް ވެސް ފައިސާކޮޅެއް ޓްރާންސްފާރ ކޮށްލަން...

    2
    2